ޚަބަރު

ކޯޕަންހޭގަން ބަލިކޮށް ޗެލްސީ ކުއާޓާ ފައިނަލަށް


ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގައި 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކޯޕަންހޭގަން ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ. ރަށުން ބޭރުގައި ޗެލްސީން ކުޅުނު ފުރަތަމަ ލެގުގެ މެޗުން 2-1 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވެފައިވާއިރު، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ނިކުތްއިރު ފަހަކަށް އައިސް ރަގަޅު ކުޅުމެއް ދެއްކިފައިނުވާތީ ފާޑު ކިއުންތައް އަމާޒުވެފައިވާ ކޯލް ޕާމާއަށް ފުރަތަމަ ޓީމުން ކޯޗު އެންޒޯ މަރެސްކާ ފުރުސަތު ދީފައެއް ނުވެއެވެ. ބަލިވުމުގެ ސަބަބުން މި ހަފްތާގެ ބައެއް ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައިނުވާ ކޯލް ޕާމާއަށް ދެވަނަ ހާފުގެ ކުޅުން ފެށުނުއިރު ކޯޗު ވަނީ ފުރުސަތު ދީފަ އެވެ. އަދި ދެވަނަ ހާފުގައި އޭނާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު އަނިޔާގެ ސަބަބުން ޗެލްސީގެ ކުރިއަށް ކުޅޭ ނިކޮލަސް ޖެކްސަން ނެތްތަން މި މެޗުގައި ފޫބެއްދުމަށް މަރެސްކާ ބޭނުންކޮށްފައިވަނީ ޕެޑްރޯ ނެޓޯ އެވެ.

ކޯޕަންހޭގަންގެ ފަރާތުން ރަގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް އުފެއްދި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފިފައެއް ނުވެއެވެ.

މި މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކިއާނަން ޑިއުސްބަރީ-ހޯލް އެވެ.

ޗެލްސީއަށް ލަނޑު ޖަހައިދިން ޑިއުސްބަރީ-ހޯލް މެޗަށްފަހު ބުނެފައިވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައިވާ ޗެލްސީ އަށް ކޮންފަރެންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށާއި އެ ޓީމުގައި އެ ފެންވަރު އެބަހުރި ކަމަށެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ނިކުންނާނީ ޕޮލެންޑްގެ ލެގިއާ ވާސޯ އެވެ.