ކުރިއަށް ޢީދާ ދިމާކޮށް، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ފަށަން ނިންމައިފިއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ 31 ވަނަ ދުވަހުއެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މި ދަތުރުތަކާއެކު ބ. އަތޮޅަށް އެ އެއަރލައިނުން ކުރާ ދަތުރުތައް ފުޅާވެގެންދާނެކަމަށެވެ. އެގޮތުން ބ. ފުޅަދޫއާއި ކާއިރީގައި އޮންނަ ބ. ފެހެންދޫ އަދި ބ. ގޮއިދޫއަށްވެސް ދަތުރުކުރަން ބޭނުން ފަރާތްތަކަށް މިއީ ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.
މޯލްޑިވިއަނުން ވިދާޅުވީ، މާލެއިން ފުޅަދޫއަށް ކުރާ ސީޕްލޭން ދަތުރުގެ ދިގުމިނަކީ 25 މިނެޓުކަމަށެވެ. އަދި ސީޕްލޭންގައި ދަތުރުކޮށްލުމަކީ ރާއްޖޭގެ ރީތިކަން މަތިން ބަލާލަން ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް އެކުންފުނިން ދެކެއެވެ.
ކޮންމެ އަހަރެއްގެވެސް ޢީދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ފަތުރުކުރެއެވެ. މިއާއެކު މޯލްޑިވިއަން އަށް ވަރަށް ބޮޑަށް ޑިމާންޑު އިތުރުވެގެންދެއެވެ. އެހެންކަމުން ފަތުރުވެރިކަން ފުޅާވަމުން އަންނަ ބ. އަތޮޅުގެ މީހުންގެ ދިރިއުޅޭ ރަށަކަށް ސްޕްލޭންގެ ދަތުރުތައް ފެށުމަތީ ފަތުރުވެރިކަމަށްވެސް އޭގެ ފައިދާ ކުރާނެ ކަމެކެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭގޮތުގައި މި ދަތުރުތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ވިދާޅުވެއެވެ.
މީގެ ކުރިންވެސް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް ބާއްވާފައިވެއެވެ. ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަައް އާއްމުގޮތެއްގައި ކުރަނީ ފަތުރުވެރިންނާއި އެކު ރާއްޖޭގެ ރިސޯޓުތަކަށެވެ. ފުޅާ ދާއިރާއެއްގައި މި މި ޚިދުމަތްދެމުންދާއިރު، މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 11 ސީޕްލޭން ބޭނުންކުރެއެވެ.