ޚަބަރު

ގްރީންވުޑް ދެން ފެންނާނީ ޖެމެއިކާގެ ޓީމުން: ކޯޗު މެކްލަރެން


ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ފްރާންސްގެ މާސޭއަށް ބަދަލުވި މޭސަން ގްރީންވުޑް ދެން ފެންނާނީ ޖެމެއިކާގެ ގައުމީ ޓީމުން ކަމަށް އެ ގައުމުގެ ކޯޗު ސްޓީވް މެކްލަރެން ބުނެފިއެވެ.

ގްރީންވުޑް ވަނީ މީގެކުރިން އިނގިރޭސި ގައުމީ ޓީމަށް އެއް މެޗު ކުޅެފަ އެވެ. އަދި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގައި ހޭދަކުރި ދުވަސްވަރު ހިނގާދިޔަ ގެވެށި އަނިޔާގެ މައްސަލައެއްގައި އޭނާ ޖަލަށް ލުމުން އެ މައްސަލައަށްފަހު މެންޗެސްޓަރ ޔުނައިޓެޑް އިން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

އެގޮތުން ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ ގެތާފޭ އަށް މިދިޔަ ސީޒަނުގައި އޭނާ ދޫކޮށްލުމަށްފަހު ގްރީންވުޑް ވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން ނިމިދިޔަ ޓްރާންސްފާރ ގައި ފްރާންސްގެ މާސޭއަށް ބަދަލުވެފަ އެވެ.

އަދި މި ކަންތައްތަކާއިއެކު އޭނާ ވަނީ އިނގިރޭސި ގައުމީ ޓީމުގެ ބަދަލުގައި ޖެމެއިކާގެ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. މީގެ ކުރިންވެސް ޖެމެއިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ގްރީންވުޑް ލައްވާ އެ ގައުމަށް ކުޅުވަން މަސައްކަތް ކޮށްފަ އެވެ.

އުމުރުން 22 އަހަރުގެ ގްރީންވުޑް ޖެމެއިކާގެ ގައުމީ ޓީމަށް ކުޅުވަން މި ފަހަރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ ކޯޗު ކަމާއި ދާދި ފަހުން ހަވާލުވި އިނގިރޭސި ކޯޗު ސްޓީވް މެކްލަރެން އެވެ. އޭނާވަނީ މީގެ ކުރިން މެންޗެސްޓަރ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

ގްރީންވުޑް އަށް ޖެމެއިކާގެ ގައުމީ ޓީމަށް ކުޅެވޭނީ އިނގިރޭސި އެފްއޭ އިން ދޭން ޖެހޭ ހުއްދައެއް ލިބުމުންނެވެ. އަދި އެ ހުއްދަ ހޯދުމަށް ޖެމެއިކާގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އިނގިރޭސި އެފްއޭ ގައި އެދިފަ އެވެ.

ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގައި ގެންގުޅެމުން އައި އުސޫލަށް ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ވަނީ 2020 ވަނަ އަހަރު ލުއިތަކެއް ގެނެސްފަ އެވެ. އެގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު ގައުމީ ޓީމަކަށް 3 މެޗަށްވުރެ މަދުން ކުޅެފައިވާނަމަ އެ ކުޅުންތެރިއަކަށް އާއިލީ ގޮތުން ގުޅުން އޮންނަ އެހެން ގައުމަކަށް ކުޅެވިދާނެ އެވެ. އަދި އެކަން ފުރިހަމަ ކުރުމަށް ކުރިން ކުޅުނު ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ހުއްދައެއް ބޭނުންވާނެ އެވެ.

ގްރީންވުޑް 33 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން މާސޭ އާއި ގުޅުނު ފަހުން މި ސީޒަނުގައި އޭނާ ވަނީ 27 މެޗުގައި 16 ލަނޑު ޖަހާފަ އެވެ.