ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރުގެ ރަމަޟާންމަހުގެ ފަހު 15ގެ ޢުމްރާއަށް ދިޔަ ދިވެހިންގެ ގްރޫޕް، ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފިއެވެ. ހުރިހާ ޢުމްރާވެރިންގެ ޙާލުވެސް ރަނގަޅުކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޢުމްރާވެރިން މައްކާގައި މިފަހަރުވެސް ތިބެނީ ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައި ތިބޭ މީހުން އާއްމުކޮށް ތިބޭ ހޮޓެލް "އަލްބަލަދް އަލްޠައްޔިބް އަޖްޔަދް ހޮޓެލް" ގައެވެ. މިއީ 10 ވަރަކަށް މިނެޓުން ޚަރަމްފުޅަށް ދެވޭހާ ކައިރީގައި ހުންނަ ހޮޓަލެކެވެ. ރަމަޟާންމަހުގެ ފަހު 15ގެ ޢުމްރާގައި 357 މީހުން ބައިވެރިވެއެވެ.
ޢުމްރާވެރިންނަށް ހޯޓަލަށް އާދެވުނީ މެންދުރު 1.30 ހާއިރެވެ. އިދާރީ ކަންކަން ފުރިހަމަކުރުމަށްފަހު، ޢުމްރާގެ އަޅުކަމަށް ހަރަމަށް ދިޔައީ މެންދުރުފަހުއެވެ. ޢުމްރާގެ އަޅުކަން އަދާކުރީ 8 ގްރޫޕަކަށް ބަހާލައިގެންނެވެ.
މުޅި ރަމަޟާން ޢުމްރާގެ އަޅުކަމުގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 220 ދިވެހިން ސަޢުދީގައި އެބަތިއްބެވެ.
ފަހު 15ގެ ޢުމްރާވެރިންގެ ގްރޫޕް ކުރިއަށް އޮތް ދެ ދުވަހު ތިބޭނީ މައްކާގައެވެ. މަދީނާ ދަތުރު އޮންނާނީ 18 ވަނަ ދުވަހުއެވެ.
ޙައްޖު ކޯޕަރޭޝަންގެ ޢުމްރާ ދަތުރުގައި، މައްކާ މަދީނާގެ ޚާއްސަ ޒިޔާރަތްތައް ބަލާލުން އޮންނާނެއެވެ. އަދި ދީނީ ގިނަ ޕްރޮގްރާމްތަކެއްވެސް މީގެތެރެއިން ކުރިއަށްދާނެއެވެ.