ޚަބަރު

ޙައްޖު ކޯޕަރޭޝަނުގެ ޢުމްރާވެރީންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް


  • ޢުމްރާވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައި

  • ދިވެހި ކެއުންތައް ވަނީ ހަމަޖައްސާފައި

  • ކްލިނިކާއި ފާމަސީވެސް ހޮޓެލްގައި ވަނީ ޤާއިމުކޮށްފައި

މައްކާއިން އާމިނަތު ޝާޒިޔާ

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ޢުމްރާގެ އަޅުކަމަށް އައި މީހުންގެ ޢަދަދު މިދިޔަ އަހަރަށްވުރެ ދެގުނަ އިތުރެވެ. މިދިޔަ އަހަރު ޢުމްރާގެ އަޅުކަމަށް އައިސްފަވަނީ 255 މީހުންނެވެ. ނަމަވެސް މި އަހަރު 570 މީހުން ވަނީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ސަޢުދީއަށް އައިސްފައެވެ. މިއާއެކު ކޯޕަރޭޝަންގެ ޚިދުމަތްތައްވެސް މިއަހަރު ވަނީ އިތުރަށް ފުރިހަމަކޮށްފައެވެ.

މައްކާގައި ދިވެހިން ތިބި ހޮޓަލަކީ ހިނގާފައި ދިހަވަރަކަށް މިނެޓުން ޙަރަމަށް ދެވޭހާ ކައިރީގައި ހުރި ހޮޓަލެކެވެ. ނަމަވެސް ޢުމްރާވެރިންނަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިފަހަރު، ހޮޓަލުން ހަރަމަށް ދިއުމަށް ބަގީގެ ޚިދުމަތް ކޯޕަރޭޝަނުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ހޮޓަލުގައި މުހިންމު ހުރިހާ ޚިދުމަތްތައް ވަނީ ޤާއިމުކޮށްފައެވެ. އެގޮތުން ހުރިހާ ޢުމްރާވެރިންގެ ކެއުންވެސް ހަމަޖައްސާފަވަނީ ހޮޓަލުގައި އެކަމަށް ޚާއްސަ ފަންގިފިލާއެއްގައެވެ. މީގެއިތުރުން ދިވެހިންނަށް ޚާއްސަ ކޮފީ ޝޮޕެއްވެސް ހޮޓަލުގައި ހުރެއެވެ. ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިންގެ އިތުރުން، އެހެން ގްރޫޕްތަކުގެ ޢުމްރާވެރިންނަށްވެސް އެތަން ބޭނުންކުރެވެއެވެ.

ހޮޓާލުގެ އެއް ފަންގިފިލާ ޚާއްސަކޮށްފަވަނީ އާއްމު އިދާރީ ޚިދުމަތްތަކަށެވެ. އެގޮތުން ބަލިމީހުންނަށް ސިއްޙީ އެހީތެރިކަން ދިނުމަށް ކްލިނިކެއް ވަނީ ޤާއިމްކޮށްފައެވެ. އެތަނުގައި ދެ ޑޮކްޓަރުންނާ ނަރުހުން ތިބެއެވެ. ކްލިނިކާއެކު ބޭސްފިހާރައެއްގެ ޚިދުމަތްވެސް ލިބެއެވެ.

އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަން ޖެހިއްޖެ ހާލަތުގައި ބަލިމީހުން އުފުލުމަށް، އެކަމަށް ޚާއްސަ އުޅަނދެއްވެސް ހޮޓަލުގައި 24 ގަޑިއިރު ޚިދުމަދތުގައި އޮވެއެވެ.

މީގެއިތުރުން އިދާރީ އެހީތައް ދިނުމަށް އިދާރީ އޮފީހަކާއި ހެލްޕް ޑެސްކެއްވެސް ވަނީ ޤާއިމުކޮށްފައެވެ.

މިފަހަރުގެ ޕެކޭޖުގައި ފަހު 15ގެ ޢުމްރާވެރިންނަށް 3 ޢުމްރާކުރުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް ޕެކޭޖުން ބޭރުން ރެޖިސްޓްރީކޮށްގެން އިތުރު ޢުމްރާ ކުރުމުގެ ފުރުޞަތު ކޯޕަރޭޝަނުން ފަހިކޮށްދެއެވެ.

ޢުމްރާވެރިންގެ މަދީނާ ދަތުރު އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އަދި ޠާއިފާއި ޖިއްދާ ދަތުރުގައިވެސް ރެޖިސްޓްރީވެގެން ބައިވެރިވެވޭނެއެވެ. މީގެއިތުރުން ބައެއް މުހިންމު ބިނާތަށް ބަލާލުމުގެ ޒިޔާރަތް ދަތުރުތައްވެސް ކުރިއަށްގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ތައާވަލުކޮށްފައެވެ.

ކޮންމެއަކަސް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޢުމްރާއަށް އައި ޢުމްރާވެރިންނަށް ވަނީ ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާފައެވެ.