ޚަބަރު

ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު، އަދި ސިޓީ ކައުންސިލްތަކަށް


  • ހަދިޔާކޮށްފައިވަނީ 224،754 ރުފިޔާގެ އަގު ހުރި ތަކެތި

  • އޭގެތެރޭގައި ހިމެނެނީ މެޝިނަރީޒްއާއި ޓެސްޓު ކިޓު

ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަތޮޅު، އަދި ސިޓީ ކައުންސިލްތަކަށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖޭގެ ދަނޑުވެރިންނަށް ހަދިޔާކުރި 2 ލައްކަ ރުފިޔާގެ މެޝިނަރީޒްއާއި ޓެސްޓު ކިޓުތައް މިހާރުވަނީ ރާއްޖެއަށް ގެނެސްފައެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ޗައިނާގެ ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން، ދިވެހި ސަރުކާރާއި ޗައިނާގެ "ސިޗުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް" އަދި "ސިޗުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް" އާ ދެމެދު ވެވުނު އެއްބަސްވުމެއްގެދަށުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތިކަމަށެވެ. ހަދިޔާކޮށްފައިވާ މެޝިނަރީޒްއާއި ޓެސްޓު ކިޓުތަކަކީ 100,000 ޗައިނީސް ޔުއާން ނުވަތަ 224،754 ރުފިޔާގެ އަގު ހުރި ތަކެތިކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތަފްޞީލު:

* ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރ
* ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓް
* އޮޓަމެޓިކުން ފެންދެވޭ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރ
* ދޫނިރޯގާ ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓް

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޗައިނާއިން ހަދިޔާކުރި މި ތަކެތި ހަވާލުކުރުމަށް ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށްކަމަށެވެ. އަދި މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ޙާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް މި ތަކެތީގެ ބޭނުންހިފޭނެ މަގުފަހިކުރުމަށްޓަކައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި ޗައިނާއިން ދަނީ އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕަ އިން ބީޓްލް ކޮންޓްރޯލުކުރުމަށްޓަކައި ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް)ގެ ޓީމެއް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި އެ ޓީމުން ވަނީ ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ޤާއިމުކުރުމުގެ ސާވޭއެއްވެސް ހަދައިފައެވެ.