ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު އިތުރަށް އިސްލާހުކުރުމަށް ކޮމިޓީއަށް ފޮނުވައިފި


  • ބިލު ތަޞްދީޤުނުކޮށް އަނބުރާ ފޮނުއްވާލެއްވީ މިމަހުގެ 11ވަނަ ދުވަހުގައި

  • ކޮމިޓީއަށް ބިލު ފޮނުވަން ފާސްވީ 50 މެންބަރުންގެ ވޯޓުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކުރި ބިލު އިތުރަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުއްވާލެވުމުން އެބިލު އިތުރަށް އިސްލާހުކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 11ވަނަ ދުވަހުގައެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެބިލު އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ ބިލު އަނބުރައި ފޮނުއްވި ސަބަބު ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސީޓީ މަޖިލީހަށް އިއްވެވުމަށްފަހު އެމައްސަލައިގެ ބަަހުސްގެ ތެރެއިން ހުށަހެޅި ތާއީދުލިބުނުގޮތަށް މަޖިލީހުން ފާސް ކުރެއްވުމުންނެވެ.

މި މައްސަލައިގެ ބަހުސްގައި ބިލު އިތުރަށް ދިރާސާ ކުރުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. ބަހުސްގެ މަރުހަލާގައި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވަނީ އެބިލު މަޖިލީހަށް ހުށަހެޅި ފާސްކުރަން ނިންމި ސަބަބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ބިލް ތަސްދީޤުނުކުރައްވައި އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުވި ސަބަބު ރައީސުލްޖުމްހޫރިއްޔާގެ ސީޓީން ވަރަށް ސާފުވާކަން އެމެންބަރުން ފާހަގަކުރެއްވިއެވެ.

މިމައްސަލައިގަ އިދިކޮޅު މެންބަރުންވަނީ އިބްތިދާޢީ ބަހުސްގެ މަރުހަލާގައިވެސް އެމެންބަރުން ފާހަގަކުރިގޮތަށް ބިލުގެ ސަބަބުން އެމެންބަރުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

މި ބިލު އަލުން ދިރާސާކުރެއްވުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ ވޯޓުންނެވެ. އަދި އެގޮތަށް ނުފެންނަކަމަށް 7 މެންބަރަކު ވޯޓުދެއްވިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކޮށް އަނބުރާ ފޮނުއްވާލެއްވީ
ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ހޯއްދެވުމަށްފަހުގައެވެ.

މި ބިލާގުޅޭގޮތުން އެއޮފީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގައި ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު ހުރި މާއްދާތަކަށްވެސް ރިޢާޔަތްކޮށްފައިވާނެކަމަށެވެ. އެގޮތުން ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނޫނުގައިވެސް ފަނޑިޔާރުން މަޤާމުން ވަކިކުރުމުގައި ސުލޫކީ މައްސަލަ ބެލުމުގައި ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރަންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ފަނޑިޔާރުންގެ ޤާބިލުކަން ވަޒަންކުރާނެ ގޮތެއް މި ބިލުގައި ބަޔާންކޮށްފައިނެތްކަމަށް ބަންޑާރަ ނައިބު ވަނީ ވިދާޅުވިއެވެ.