ޚަބަރު

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް


  • އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ސްކޭމް ސެންޓަރެއްވެސްވަނީ ޤާއިމްކޮށްފައި

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ޤާއިމްކޮށްފިއެވެ.

ރާއްޖޭގައި އިތުރުވަމުން އަންނަ ސްކޭމް މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން 2024ވަނަ އަހަރުގެ ޖޫންމަހުވަނީ އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ސެންޓަރެއް ޤާއިމްކޮށްފައެވެ.

އަދި މިދިޔަ ހޯމަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މިއައު ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސްވަނީ ޤާއިމްކޮށްފައެވެ. މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިއާއެކު މިއަދުން ފެށިގެން ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.
އަދި ސްކޭމް މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތާއި މާލީ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރުއަދާކުރައްވާފައެވެ.