ކުޅިވަރު

ޒުވާން ޓީމަކާއެކު މި ނިކުންނަނީ ޗެލެންޖަކަށް: ފަރުހާދު


އޮޑި ސްޕޯޓްސް ކުލަބުގެ ޒުވާން ޓީމާއެކު ކުރިއަށް އޮތް ސީޒަނަށް ނިކުންނާނީ ޗެލެންޖަކަށް ކަމަށް އެ ކުލަބުގެ އެސިސްޓެންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.

ޓީމުގެ އައު ކޯޗާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފަރޭ ބުނެފަވަނީ އޮޑި ސްޕޯޓްސް ކުލަބަކީ ޒުވާން ޓީމެއް ކަމަށާއި، ކޯޗިން ސްޓާފުންގެ އިތުރުން މެނޭޖްމަންޓުންވެސް ފެނިގެންދާނީ ޒުވާން މޫނުތަކެއްކަމަށެވެ. މިއީ ކުލަފަނޑުވަމުންދާ ދިވެހި ފުޓުބޯޅައަށް ދިރުން ގެނެސްދިނުމަށް އަތުކުރި އޮޅާލާފައިވާ ޓީމެއްކަން ފަރޭ ފާހަގަކުރިއެވެ. އޮޑި ސްޕޯޓްސްއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ ދިވެހި ފުޓްބޯޅަ އަލުން ތަރައްގީކޮށް އައު ހުނަރުވެރި ކުޅުންތެރިން އުފެއްދުން ކަމަށް ފަރޭ ބުންޏެވެ.

"އޮޑި ސްޕޯޓްސް ކުލަބުން ބޭނުންވާ ފަދަ ޚިދުމަތެއް، ފުޓުބޯޅައަށް މިކޯޗުގެ އެހީތެރިކަމާއެކު ފޯރުކޮށްދެވޭކަމަށް ބަލައިގެން އަޅުގަނޑުވެސް މަސައްކަތް މިކުރަނީ" ޓީމާ އަލަށް ގުޅުނު ތަޖުރިބާކާރު ބިދޭސީ ކޯޗު ގިލަންއަށް އިޝާރާތްކުރަމުން ފަރޭ ބުންޏެވެ.

އޮޑި ސްޕޯޓްސް ކުލަބާއެކު ފާއިތުވެދިޔަ އަހަރުން ފެށިގެން މަސައްކަތްކުރަމުން އަންނަ ޒުވާން ކޯޗު ފަރޭ ބުނީ ފުޓުބޯޅަ ކުރިއެރުވުމަށް އޮޑި ސްޕޯޓްސްގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތް އަބަދުވެސް ފާހަގަކުރާކަމަށެވެ. އެގޮތުން ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޓީމު ޕްރޮމޯޓުވީ މެނޭޖުމަންޓުން ދިން ހިތްވަރާއި ކޮށްދިން ބުރަ މަސައްކަތުންކަމަށްކަމަށް ފަރޭ ބުންޏެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޓޮޕް ޑިވިޝަނަށް އައިމަ ޒުވާން ކުޅުންތެރިންލައްވާ އިތުރަށް ޕުޝްކޮށްގެން (މެނޭޖްމަންޓުން) މިކަން ކުރުވާނެކަމަށް" ފަރޭ ބުންޏެވެ.

ކޯޗިން ދާއިރާގައި މަސައްކަތްކުރުމަށް ހުވަފެންތައް ދެކެމުން އަންނަ ފަރާތެއްގެ ހައިސިއްޔަތުން އޮޑި ސްޕޯޓްސް ކުލަބަށް އާނއެކޭ ބުނެވުމަކީ ކޯޗިންގެ ދާއިރާގައި އޭނާއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ފަރޭ ސިފަކުރިއެވެ. އުންމީދަކީ ގިނަ ދުވަސްތަކެއް ވަންދެން އޮޑި ސްޕޯޓްސްއަށް ޚިދުމަތްކުރުންކަމަށާއި، މެނޭޖްމަންޓުގެ އެއްބާރުލުމާއެކު ކޯޗިންގެ ދާއިރާއިން ކުރިއަރައި، މުސްތަގުބަލުގައި އޮޑި ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުން ކަމަށްވެސް ވަނީ ބުނެފައެވެ.