ޚަބަރު

"ރައީސްގެ ޖަވާބު" ސިލްސިލާއަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލައްވައިފި


  • ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް

ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި "ރައީސްގެ ޖަވާބު" ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ފުރުޞަތު ޢާއްމުކޮށް ހުޅުވައިލައްވައިފިއެވެ.

ވީޑިއޯ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ރައްޔިތުން، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށެވެ. މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ކޮންމެ ރައްޔިތަކަށްވެސް ބޭނުން ކުރެއްވޭނެއެވެ.

"ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވަމުން ގެންދަވާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވަމުން ގެންދަވާނީ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިންނެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސުލްޖުމްހޫރިއްޔާ ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު ޢާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީމަހު ފެށްޓެވި ސިލްސިލާއެކެވެ. މި ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުޞަތު ދީގެންނެވެ. ނަމަވެސް، މިގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުޞަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން "ރައީސްގެ ޖަވާބު" ސިލްސިލާ ވަނީ ވަގުތީގޮތުން މެދުކަނޑައިލައްވައިފައެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާ އަލުން މި ފެށްޓެވީ، ވީޑިއޯ މެދުވެރިކޮށް ކޮންމެ ރައްޔިތަކު ކޮންމެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކޮންމެ ސުވާލެއްވެސް، "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ވަގުތުން ހުށަހެޅުއްވޭނެ އިންތިޒާމުތަކާއި އެކުއެވެ.