އާސެނަލްގެ ފޯވާޑް ބުކަޔޯ ސަކާ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މަޝްވަރާތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އަނިޔާގެ ސަބަބުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުޅުމާއި ދުރުގައި ހުރި ސަކާ އާއެކު އާސެނަލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އަދި ދެ އަހަރު އެބައޮތެވެ. ނަމަވެސް ސަކާގެ މުހިންމުކަން އާސެނަލްއަށް ބޮޑުކަމަށް ބަލާ އެ ކްލަބުން ވަނީ އޭނާގެ އެއްބަސްވުން އިތުރުކޮށް ދިގު މުއްދަތަކަށް އެ ކްލަބުގައި އޭނާ ބަހައްޓަން ބޭނުންވާކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
އާސެނަލް އިން ސަކާގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް އޭނާގެ އެޖެންޓުންނާއިއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާއަށް ސަކާ މުހިންމުވަނީ ކިހާވަރަކަށް ކަން ހާމަކޮށްފައެއް ނުވެއެވެ.
އިނގިރޭސިވިލާތަކަށް އުފަން އުމުރުން 23 އަހަރުގެ ސަކާ އާސެނަލް އާއި ގުޅިފައިވަނީ 2022 ވަނަ އަހަރު މުސާރައިގެ ގޮތުގައި އަހަރަކު 10 މިލިއަން ޕައުންޑަށެވެ. 27-2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ސަކާ އާއިއެކު އާސެނަލް އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އާސެނަލް އާއި ގުޅުމުގެ ކުރިން އޭނާ ހޯދުމަށް މެންޗެސްޓަރ ސިޓީއިން މަސައްކަތް ކުރި ކަމަށް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އާސެނަލް އިން މި ސީޒަނުގައި ދައްކަމުންދާ ކުޅުމާއިއެކު ލީގަށް ވާދަކުރުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ޖާގައެއް އަންނަ ސީޒަނުގައިވެސް ލިބޭނެކަމަށް ބެލެވޭތީ ސަކާ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ.
ޗެލްސީ އާއި ދެކޮޅަށް މި ހަފްތާގައި އާސެނަލް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން އާޓޭޓާ ބުނެފައިވަނީ ކުރިއަށް މިއޮތް އިންޓަރނޭޝަނަލް ބްރޭކަށްފަހު ސަކާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ސަކާގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އާސެނަލްގެ މިޑްފީލްޑަރ ތޯމަސް ޕާޓޭ އާއި ޖޯޖީނިއޯ އާއިއެކު އެ ކްލަބުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އެ ދެކުޅުންތެރިން މި ސީޒަނަށްފަހު އާސެނަލް ދޫކޮށްދާނެކަމަށް ވަނީ ބެލެވިފަ އެވެ.
އާސެނަލް ދެން އެންމެ އަވަހަށް ޕްރިމިއާ ލީގުގައި މެޗެއް ކުޅޭނީ އަންނަ އެޕްރީލް މަހުގެ އެއްވަނަ ދުވަހު ފުލަމް އާއި ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގަ އެވެ.