ޚަބަރު

އޮޕަރޭޝަން ކުރަނގި: މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި


  • 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ ވަނީ އެއްކޮށްފަ

  • 58 ރިސޯޓެއްގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް ލައްކައަކަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށްޓަކައި އެމީހުންގެ ބައޯމެޓްރިކްސް ނަގަމުންދާކަމަށެވެ. އެގޮތުން ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި، ފޭސްރިކޮގްނިޝަން ހެދުމާއި، އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤާނޫނާއި ޤަވައިދުގެ ދަށުންކަމަށް ޔަޤީންކުރެވެމުންދެއެވެ.

ރާއްޖޭގައި ޤަވައިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް "އޮޕަރޭޝަން ކުރަނގީ"ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގައި މިހާތަނަށް 109،722 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ޑޭޓާ އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއަދާ ހަމައަށް މާލެ ސަރަހައްދުގައި 67،214 މީހުންގެ މައުލޫމާތު އެއްކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އޮޕަރޭޝަނަށް ބޭނުންވާ މައުލޫމާތު އެއްކުރަނީ ކައުންސިލްތަކުގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމް ޤާއިމްކޮށްގެންކަމަށެވެ. އެގޮތުން 186 ކައުންސިލެއްގައި މި ނިޒާމް ޤާއިމްކޮށްފައިވާއިރު މިހާތަނަށް 80 ރަށަކުން ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމިފައިވެއެވެ.

މި އޮޕްރޭޝަންގެ ތެރެއިން އަތޮޅުތަކުގެ ރަށްތަކުގެ އިތުރުން ރިސޯޓްތަކުގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވިގެންދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް 58 ރިސޯޓެއްގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާއިރު މިހާރުވެސް 112 ރިސޯޓެއްގައި މި މަސައްކަތްކުރެވެމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، އޮޕަރޭޝަން ކުރަނގީގެ ދަށުން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށެވެ. އަދި އެޕްރީލް މަހުގެ ނިޔަލަށް ބައޯމެޓްރިކްސް ނުނެގި ތިބި ފަރާތްތައް ޑީޕޯޓްކުރެވިގެންދާނެކަމަށެވެ.

"ކުރިއަށްއޮތް ސާޅީހަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްގެންދާނަން. މި ވިންޑޫ ކްލޯޒްކުރުމަށްފަހުގަ އޭގެ ފަހުން ދެން ރާއްޖޭގެ ބައޯމެޓްރިކްސް ނުނެގި ހުރި ތިބި ހުރިހާ ބިދޭސީންނަކީ އަޅުގަނޑުމެން ބަލާނީ ރާއްޖެއިން ޑީޕޯޓްކޮށްލަންޖެހޭ ފަރާތްތަކެއްކަމަށް." ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން ގުޅިގެންނެވެ.