ކުޅިވަރު

އިނގިރޭސި ކޯޗަކަށް ޓުޗެލް ކަމަކު ނުދޭ: ރެޑްނެޕް


2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ތަށި އިނގިރޭސިވިލާތުން ނަގަން ޖެހޭނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރު ފުޓްބޯޅަ ކޯޗު ހެރީ ރެޑްނެޕް ބުނެފިއެވެ.

ރެޑްނެޕް މިހެން ބުނެފަވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވާ އިނގިރޭސިވިލާތުގެ ޓީމަށް އިރުޝާދުދިނުމަށް ތޯމަސް ޓުޗެލް ހަމަޖެއްސުމާ ގުޅިގެން އެކަމާ ނުރުން ފާޅުކުރަމުންނެވެ. އިނގިރޭސި ޓީމުގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސުމަކީ ހައިރާންކަން ގެނުވިކަމެއްކަމަށް ފާހަގަކުރަމުން އޭނާ ބުނެފައިވަނީ އެމަގާމަކީ ޓުޗެލްއަށް ހައްގު މަގާމެއްކަން ޓުޗެލް މުޅިދުނިޔެއަށް ސާބިތުކޮށްދޭން ޖެހޭނެކަމަށެވެ. އެގޮތުން 2016 ވަނަ އަހަރުގެ ވާރލްޑްކަޕު ތަށި އިނގިރޭސި ޓީމަށް ހޯދާދީ، އިނގިރޭސިވިލާތުގެ ފުޓުބޯޅަ އެސޯސިއޭޝަނުން އޭނާއަށް ދިން މަގާމަކީ ހައްގު މަގާމެއްކަން ސާބިތުކޮށްދިނުމަށް ރެޑްނެޕް ވަނީ ޓުޗެލް އަށް ގޮވާލާފައެވެ.

ޖަރުމަނު ވިލާތަށް ނިސްބަތްވާ ޓުޗެލްއަކީ އިނގިރޭސި ޓީމަށް ހަމަޖެއްސި ތިންވަނަ ބިދޭސީ ކޯޗެވެ. ވާރލްޑްކަޕް ކޮލިފައިންގައި އިނގިރޭސިންނާއި އަލްބޭނިޔާ ބައްދަލުކުރަން މިމަހުގެ 21 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، މިމެޗަކީ ޓުޗެލްގެ އިރުޝާދުގެ ދަށުން އިނގިރޭސި ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

18 މަސްދުވަހުގެ ކޮންޓްރެކްޓަކާއެކު ޓުޗެލް ގައުމީ ޓީމާ ހަވާލުވެފައިވާއިރު، ރެޑްނެޕް ބުނެފަވަނީ އޭނާ އެމަގާމަށް އެކަށީގެންނުވާ ކަމަށެވެ. ވެސްޓް ހޭމް ޔުނައިޓެޑާއި ޕޯޓްސްމައުތު އަދި ޓޮޓެންހަމް ހޮޓްސްޕާސްއަށްވެސް ކޯޗުކަންކޮށްދީފައިވާ ރެޑްނެޕް އިތުރަށް ބުނީ އިނގިރޭސި ސްކޮޑަކީ މުޅިދުނިޔެވެސް އަޖައިބުކޮށްލާވަރުގެ ސްކޮޑަކަށްވީއިރު، އެފަދަ ވަރުގަދަ ޓީމެއްގެ ކޯޗުކަން ދިނުން ހައްގުވާނީ ތަޖުރިބާކާރު މޮޅު މީހަކަށްކަމަށެވެ.

"ވަރަށް އެހެންކަހަލަ ހާލަތެއް މިއީ. ޖަރުމަނު ކޯޗަކު އިނގިރޭސި ޓީމަށް ހަމަޖައްސާފަވާތީ އެކަމާ ޖެންސް ލެހްމަން (އާސެނަލްގެ ކުރީގެ ގޯލްކީޕަރ) ވެސް ހިތްހަމަނުޖެހިގެން އަހަރެންގެ ކައިރީގައި އެވާހަކަ ދެއްކި. އަހަންނަކަށް ހިއެއްނުވޭ ޓުޗެލްއަށް ރަނގަޅު ނަތީޖާއެއް ނެރެވިދާނެހެނެއް" ޖަރުމަނަށް ނިސްބަތްވާ ކޯޗާމެދު ރެޑްނެޕް ކަންބޮޑުވުން ފާހަގަކުރިއެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ޓުޗެލް ހަމަޖެއްސި ހަބަރު އެހީ ހައިރާންކަމާއެކުކަން ފާހަގަކުރަމުން ރެޑްނެޕް ބުނީ އޭނާ ކަންބޮޑުވަނީ ޓުޗެލްއަކީ ބިދޭސީއަކަށްވާތީ ނޫންކަމަށެވެ. މިސާލަކަށް އިޓަލީގެ ކާމިޔާބު ކޯޗު ފެބިއޯ ކަޕެއްލޯ ފަދަ ކޯޗުންނަކީ ނަތީޖާ ނެރިފަވާ ކޯޗުންކަމަށާ އެފަދަ ބިދޭސީ ކޯޗަކު ހަމަޖެއްސި ނަމަ މާ ރަނގަޅުވީސްކަމަށް ރެޑްނެޕް ބުންޏެވެ. ކަޕެއްލޯއަށް ތައުރީފުކުރަމުން ރެޑްނެޕް ބުނީ އެއީ މޮޅު ކޯޗެއް ކަމަށާ ފުލުފުލުގައި އެތައް ތަށްޓެއް އޭނާ ހޯދާފައިވާކަމަށެވެ.

"އޭނާއަކީ ހަވާލުކުރި ކޮންމެ ޓީމަކަށް ނަތީޖާ ނެރެދޭ ކޯޗެއް. ޗެމްޕިއަންސްލީގު ފަދަ ބޮޑެތި ލީގުތައް އޭނާވަނީ ހޯދާފަ. އިނިގޭސި ޓީމަށް އޭނާ ހަމަޖެއްސި ނަމަވެސް މާ ރަނގަޅުވީސް" ރެޑްނެޕް ބުންޏެވެ.

ގައުމީ ޓީމު ޓުޗެލްއާ ހަވާލުކުރުމަކީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނަށް ހެދިފައިވާ ގޯހެއްކަމަށްވެސް ރެޑްނެޕް ބުންޏެވެ. އިނގިރޭސިވިލާތަށް އެންމެ ރަނގަޅުވާނީ އަމިއްލަ ގައުމަށް ނިސްބަތްވާ ކޯޗެއްކަމަށާއި، އެމަގާމަށް އެންމެ ބޮޑަށް އެކަށީގެންވަނީ އިނގިރޭސިލީގުކަޕް ނިއުކާސަލް ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ޒުވާން ކޯޗު އެޑީ ހައު ކަމަށްވެސް ރެޑްނެޕް ފާހަގަކުރިއެވެ.

ރެޑްނެޕްގެ ފާޑުކިޔުންތައް ޓުޗެލްއަށް އަމާޒުވެފައިވީ ނަމަވެސް 57 އަހަރުގެ ޓުޗެލްވަނީ ޕީއެސްޖީއަށް ދެފަހަރުގެ މަތިން ލީގު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޗެލްސީއަށް ޗެމްޕިއަންސްލީގު ކަށަވަރުކޮށްދީ، ބަޔާންމިއުނިކަށް ބުންޑަސްލީގާވެސް ވަނީ އޭނާގެ އިރުޝާދުގެ ދަށުން ހޯދައިދީފައެވެ. އެހެން ނަމަވެސް މިއީ ޓުޗެލްގެ ކޯޗިން ކެރިއަރުގައި ބައިނަލް އަޤްވާމީ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.