ޚަބަރު

ޢީދަށް ރަށްރަށް ދިއްލުމުގެ ހަރަކާތް؛ ކްލަސްޓަރ 3ގައި ހިމެނޭ ރަށްތަކުގައި ލައިޓު ހަރުކުރަން ފަށައިފި


  • މިރީޖަންގައި ހިމެނޭ ރަށްތަކުގެ ތެރެއިން މިއަހަރު އަލަށް ދިއްލާލަނީ 10 ރަށް

  • އދ. މަހިބަދޫ އާއި ކ. ތުލުސްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަދު ފަށާނެ

މިއަހަރުގެ ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލާލުމުގެ ހަރަކާތުގެ ތެރެއިން ކްލަސްޓަރ 3ގައި ހިމެނޭ ރަށްތަކުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޢީދަށް މުޅި ރާއްޖެ ދިއްލާލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކްލަސްޓަރ 3ގައި ހިމެނޭ މާލެއަތޮޅާއި، އަރިއަތޮޅު އުތުރުބުރިއާއި، އަރިއަތޮލު ދެކުނުބުރިއާއި، ފެލިދެއަތޮޅުގެ އިތުރުން މުލަކަތޮޅުގެ ބައެއް ރަށްތައް ދިއްލުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ކްލަސްޓަރ 3ގައި ހިމެނޭ ރަށްތަކުގެ ތެރެއިން މިއަހަރު އަލަށް ދިއްލުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫއާއި، ކ. މާފުށި، އއ. ތޮއްޑޫ، އއ. އުކުޅަސް، އދ. މާމިގިލި، އދ. އޮމަދޫ، ވ. ފުލިދޫ، ވ.ކެޔޮދޫ، މ. މުލައް އަދި މ. ކޮޅުފުށިއެވެ. މިރަށްތައް ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް އެރަށްރަށަށް މިއަދު ފޮނުވޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.

ސިޓީތަކާއި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރުގެ ނައިބު އިސްމާޢީލް ނާފިޢު ވިދާޅުވީ، ކްލަސްޓަރ 3ގައި ހިމެނޭ އއ. ރަސްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް އައިސްފައިވާކަމަށެވެ. އަދި އދ. މަހިބަދޫއާއި ކ. ތުލުސްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ފ. ފެލިދޫއާއި މ. މުލީގައި މަސައްކަތް މިއަންނަ އަންގާރަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ނާފިޢު ވިދާޅުވިއެވެ.

މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ. ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ. ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ.

"ޢީދު އަލި" ހަރަކާތުގައި މާލެ ދިއްލުމުގެ ގޮތުން މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ދަނީ ހަރުކުރަމުންނެވެ.

މިދިޔަ އަހަރު ފެށި މިހަރަކާތުގައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތައްވެސް ދިއްލާފައިވާއިރު ބަޖެޓު ތަންދޭވަރަކުން ކޮންމެ އަހަރަކުވެސް އިތުރު ރަށްތައް ދިއްލާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޢީދަށް ރަށްތައް ދިއްލުމުގެ ރަސްމިއްޔާތު ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވަނީ މި މަހުގެ 29ވަނަ ދުވަހުގެ ރޭގައެވެ. އެ ދުވަހަށް ހުރިހާ ރަށަކަށް ސާމާނު ގެންގޮސް ހުރިހާ ރަށެއްވެސް ދިއްލާލެވޭނެކަމަށް ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.