ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަހަރުން އަހަރަށް ޚިދުމަތްތަކަށް ޒަމާނީ ބަދަލުތައް ގެންނަމުންދާއިރު، އެ ޚިދުމަތްތަކަކީ ޙައްޖުވެރިންނާއި، ޢުމްރާވެރިންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ވަނީ ވެފައެވެ.
މިވަގުތު ރަމަޟާން މަހުގެ ފަހު 15 ދުވަހުގެ ޢުމްރާގެ އަޅުކަމަށް، ޙައްޖު ކޯޕަރޭޝަންގެ ބެލުމުގެދަށުގައި 570އެއްހާ މީހުން މައްކާގައި އެބަތިއްބެވެ.
ޢުމްރާގެ އަޅުކަމަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާ ހިސާބުން ފެށީގެން ޚިދުމަތްތައް ފަށައެވެ. އެގޮތުން ވިސާ، މެޑިކަލް އަދި ވެކްސިނޭޝަންއަކީވެސް ޕެކޭޖުގެ ތެރެއިން ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކެވެ. ބޭނުންވާ ފަރާތްތަކަށް އިންޝުއަރެންސްވެސް ހަމަޖައްސާދެއެވެ.
ދަތުރަށް ތައްޔާރުކުރުމުގެގޮތުން، ޢުމްރާގެ އަޅުކަމަށް ހޭލުންތެރިކުރުމަށާއި، އަޅުކަން ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުމާއި، އަޅުކަމާއި ގުޅޭގޮތުން ޢުމްރާވެރިން އޮޅުން ފިލުވަން ބޭނުންވާ ކަންކަން ސާފުކޮށްދިނުމަށާއި، ޖުމްލަކޮށް ޢުމްރާގެ އަޅުކަމަށް އަޙުލުވެރިކުރުވުމުގެ ގޮތުން ދަތުރަށް ފުރުމުގެ ކުރިން ޢުމްރާވެރިނަށް ތަމްރީން ޕްރޮގްރާމްތައް ފަށައެވެ. މީގެތެރޭގައި ޢިލްމުވެރިންނާއި ކޯޕަރޭޝަނުގެ އިސް ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކާއި، އޮންލައިންކޮށް ގެންދާ ސެޝަންތައް ކުރިއަށް ގެންދެއެވެ.
"ފުރިހަމަ ޢުމްރާއެއް އަދާކުރަން ކަންތައް ކުރަންވީ ގޮތް ވަރަށް ފުރިހަމައަށް ކިޔައިދޭ. ޢުމްރާކުރާނެ ގޮތާއި ދުޢާ ފޮތްތައް އެބަ ލިބޭ. އެހެންވީމަ ވަރަށް ފަސޭހަ ކުރިއަށްދާންވީ ގޮތް ދެނެގަންނަން." ޢުމްރާވެރިއެއް ބުންޏެވެ.
ޢުމްރާވެރިން މައްކާ އަދި މަދީނާގައި ތިބޭ ހޮޓާލަކީވެސް ފެންވަރު ރަނގަޅު، ސާފުތަހީރު އަދި ހިތްފަސޭހަ ހޮޓާތަކެކެވެ. މިތަނުގައި ޙާޖީންނަށް އެހީވުމަށް، ކޯޕަރޭޝަންގެ ސްޓާފުން އަބަދުވެސް ތިބެއެވެ. އެހީތެރިކަން ފަސޭހައިން ފޯރުކޮށްދިނުމަށް އެކަމަށް ޚާއްސަ ޑެސްކެއްވެސް ހޮޓަލުގެ ތިރީ ލޮބީގައި ވަނީ ޤާއިމުކޮށްފައެވެ. އަދި ޢުމްރާގެ އަޅުކަމަށް މީޤާތާއި ހަރަމަށް ގެންދިއުމާއި، އަޅުކަން އަދާކުރަމުންދާއިރު އިރުޝާދުދިނުމަށްވެސް ސްޓާފުން އެ ވަގުތުތަކުގައި ޢުމްރާވެރިންނާއެކު ޙަރަކާތްތެރިވެއެވެ.
"ދަތުރުތަކުގައި ދާއިރުވެސް ވަރަށް ފަސޭހަ. ވަގުތަށް އިންތިޒާމްތައް ހަމަޖައްސަދިނުމާއި، ދަތުރުމަތީގައިވެސް ކޯޕަރޭޝާންގެ ސްޓާފުން އެހީތެރިކަން ވަރަށް ލިބޭ. އަބަދުވެސް އަޅުގަނޑުމެންގެ ކަންކަން ބަލަހައްޓާ." ޢުމްރާވެރިއަކު ފާހާގަކުރިއެވެ.
ކޯޕަރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން ކެއިންބުއިމުގެ އިންތިޒާމުތައްވެސް އެހާމެ ފުރިހަމައެވެ. އެގޮތުން ރޯދަވީއްލުމާއި ތަރާވީސްގަޑި އަދި ހާރު ދަމަށްވެސް ޚާއްސަ ކެއުންތައް ތައްޔާރުކުރަނީ ދިވެހި ކައްކާއިންނެވެ. އަދި ކެއުންތައް ތައްޔާރުކުރުމުގައިވެސް އެކި އުމުރުގެ މީހުންނަށް ކަމުދާ ކެއުންތައް ތައްޔާރުކުރުމަށް އިސްކަންދެއެވެ.
"ކެއުމުގެ ކަންކަން ވަރަށް ރަނގަޅު. އެހާގިނަ ބާވަތްތައް ހުރޭ. ކާނިވަރަކަށް ކާންވީ. ކޮންމެ ގަޑިއަކަށް ބަތްޕެންވެސް ލިބެން އެބަހުރޭ. އެއީ ވަރަށް ކަމުދާ ކެއުމެއް." ޢުމްރާވެރިއަކު ފާހާގަކުރިއެވެ.
މީގެއިތުރުން ކައިރި އެހެން ހޮޓާތަކުގެ ދިވެހިންނަށްވެސް ޒިޔާރަތް ކުރެވޭގޮތަށް ކޮފީ ޝޯޕެއްވެސް، ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބޭ ހޮޓަލުގައި އަންނަނީ ހިންގަމުންނެވެ.
ދީނީ ޢިލްމުވެރިންގެ އެހީގައި ޢުމްރާގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިކޮށްދިނުމަށް ދީނީ ދަރުސް ޕްރޮގްރާމް ކޮންމެ ދުވަހަކު ހިންގައެވެ. އަދި ސުވާލުކޮށް، ކަންކަން އޮޅުންފިލުވުމުގެ ފުރުޞަތު ފަހިކޮށްދެއެވެ.
"އަޚުލާގީ ވަރަށް ގިނަ މުހިންމު ފިލާވަޅުތަކެއް ލިބޭ ދަރުސްތަކެއް މިއީ. ދީނީ މަޢުލޫމާތުގެ އިތުރުން ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަމަށް ވަރަށް ބޮޑަށް ބާރުއަޅާ ދަރުސްތަކެއް." ޢުމްރާވެރިއަކު ފާހަގަކުރިއެވެ.
މީގެއިތުރުން މަދީނާ ޒިޔާރަތާއި މައްކާ ޒިޔާރަތް ދަތުރުތަކަކީވެސް ޢުމްރާވެރިންނަށް ފަހިކޮށްދޭ މުހިންމު ފުރުޞަތުތަކެކެވެ.
ހޮޓަލުގައި ބަލިމީހުން ޑޮކްޓަރަށް ދައްކާ ކްލިނިކްވެސް ވަނީ ޤާއިމުކޮށްފައެވެ.
ފަހު 15ގެ ޢުމްރާވެރިން މިހާރު ވަނީ 3 ޢުމްރާ ފުރިހަމަކޮށްފައެވެ. މީގެއިތުރުން، އިތުރު ޢުމްރާ ކުރަން ބޭނުންވާ މީހުންނަށް އެ އިންތިޒާމުތައްވެސް ދަނީ ހަމަޖައްސައިދެމުންނެވެ.
ފަހު 15ގެ ޢުމްރާވެރިން ހިމެނޭގޮތަށް، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާގައި 570 ޢުމްރާވެރިން މިވަގުތު އެބަތިއްބެވެ. ޢުމްރާވެރިން އެނބުރި މާލެ ދާނީ، 6 ރޯދައަށް ފަހުއެވެ.
ކޮންމެއަކަސް ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދެނީ ޒަމާނީ ޚިދުމަތްތަކެކެވެ. ޙަރަމަށް ދިއުމަށްް ބަގީގެ ޚިދުމަތް ފޯރުކޮށްދެއެވެ. މައްކާއިން މަދީނާއަށް ދަތުރުކުރަނީ ޒަމާނީ ޓްރެއިންތަކުގައެވެ. އެކި ތަންތަނަށް ކުރާ ޒިޔާރަތްތަކަށް އެންމެ ޒަމާނީ ބަހުގެ ޚިދުމަތެވެ. ޙައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ޒަމާނީ ޚިދުމަތް ނަމޫނާއަކަށް ބަލައި، އެހެން ކުންފުނިތަކުންވެސް ދަނީ އެ ކުންފުނިތަކުގެ ޚިދުމަތްތައް ރަނގަޅުކުރަމުންނެވެ. އެހެންކަމުން ހައްޖު ކޯޕަރޭޝަނުގެ ޚިދުމަތަކީ ދިވެހިންނާއި، ކޮންމެ ޢުމްރާވެރިއެއް އަދި ޙައްޖުވެރިއަކަށްވެސް ނަމޫނާ އަދި އިތުބާރު އޮތް ޚިދުމަތެކެވެ.