ޚަބަރު

ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ


  • ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އެދިފައި

  • އޮންލައިންކޮށް ތަކެތި ގަންނައިރު އިތުރަށް ސަމާލުވުމަށްވެސް އެދިފައިވޭ

ވައިބަރ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލައާއި ފޭސްބުކް މާކެޓްޕްލޭސް ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަޤީންކުރުމަށް ފަހު ނޫނީ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށާއި، ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ހާމަކޮށްފައެވެ.

ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓްތަކަށް ސަމާލުވުމުގެ ގޮތުން ލިސްޓް ކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއް ކަމަށް ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ.

ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދުނަމަ ނުވަތަ އައު ޕްރޮފައިލެއް ނަމަ އިތުރަށް ޔަޤީން ކުރުމަށް އިތުބާރު ކުރެވޭ ގޮތަށް މުދާ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޙްތިޔާރު ކުރުމަށް އެދި ސައިބަރ ކްރިމް ސެންޓަރުން ވަނީ މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދެ ފަރާތުގެ ރުހުމާއި އެކު ވިޔަފާރި ފުރިހަމަކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު ބަދަލު ކުރަމުންދާކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭންގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާކަންވެސް ފުލުހުން ފާހަގަކުރައްވައެވެ.

ފްލޭޝް ކޯލްސްއަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ.

ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ. އަދި މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން އޯޓީ.ޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައިވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.

ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ ތިޔަ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ.

ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911 އާއި އެންޓި ސްކޭމް ހޮޓްލައިން 125 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.