ޚަބަރު

ޤަވާއިދުން ފައިސާ ދޫކުރަން ފެށިފަހުން، މަސްވެރިންނަށް 385 މިލިޔަން ރުފިޔާ ދޫކޮށްފި: ރައީސް


  • މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުން

  • ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެއް

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން، މިހާތަނަށް މަސްވެރިންނަށް ޖުމްލަ 385 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މައުލޫމާތުތައް ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހުއެވެ. އެއީ މިދިޔަ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފާއިތުވި މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދާކަމަށެވެ. އެގޮތުން އެދުވަހުން ފެށިގެން މިއަދާ ހަމައަށް 385 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މަސްވެރިންގެ ވާހަކަ ދައްކާއިރު އަޅުގަނޑުގެ ވައުދެއް އެއީ ރިޔާސީ އިންތިހާބުގަ މަސްވެރިންނަށް 48 ގަޑިއިރުތެރޭގައި ފައިސާ ދިނުން. އެކަން މިދިޔަ ޑިސެމްބަރުން ފެށިގެން މިއަދާ ހަމައަށް މިއާ ކޮންމެ ދުވަހަކު މިއައީ ފައިސާ ދެމުން. ފައިސާ ދެމުން އައިސް އަޅުގަނޑު ހަމަ ދަންނަވާލަންބޭނުން މިހާތަނަށް އައިއިރުގަ ގާތްގަޑަކަށް 385 މިލިޔަން ރުފިޔާ، ދޫކުރެވުނު." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީ އިރު، މަސްވެރިން ކިރުވާފައިވާ މަހަށް 250 މިލިޔަން ރުފިޔާ ހުރީ ނުދީއެވެ. އެ ފައިސާ ވެސް މި ސަރުކާރުން ދައްކާ ހަލާސްކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަވާލިވިއިރުގަ މަސްވެރިންނަށް ނުދީ އޮތް 250 މިލިޔަން ރުފިޔާ ވަރު. އެވެސް ދީފަ 10 ޑިސެމްބަރާ ހަމައަށް އެދިޔަ ދުވަސްތަކުގަ އެކިފަހަރުމަތިން މަސްވެރިންގެ ފައިސާ ދީ އެއްކޮށް ކިޔާ ބެކްލޮގް ސާފުކުރިން. ސާފުކޮށްފަ ދެން 10 ޑިސެމްބަރުން ފެށިގެން ދުވަހުން ދުވަހަށް 48 ގަޑިއިރުތެރޭގައި މިދަނީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވައުދުގައި 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ވާހަކަ ދެކެވުނުކަމުގައިވީނަމަވެސް މިއަދު ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ދޫކުރެވުންދާކަމީ ފެންނަން އޮތް ހަޤީޤަތްކަމަށެވެ. އަދި ސަރުކާރު ބަންދު ދުވަހަކަށް ބެލުމެއްނެތި މިއަދު މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދާކަމަން ރައީސް ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ގެނެސްދިނުމަށް މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިއެސްބީޑީގެ އެހީގައި މަސް ބަންދުކުރާ ކާރުހާނާއެއް ހުޅުމާލޭގައި އެޅުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އައިއެސްޑީބީއާއި ދިވެހި ސަރުކާރު ގުޅިގެން މިފްކޯގެ މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް އެޅުމަށް ހަމަޖެހިފައިވާ މި ފެސިލިޓީއަށް 65 މިލިޔަން ޑޮލަރުގެ ލޯނު އެހީ ލިބިފައިވެއެވެ. އަދި މިއީ 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިފައިވާ ފެސިލިޓީއެކެވެ.