މިދިޔަ ފެބްރުއަރީ މަހު އެކަނިވެސް ޗައިލްޑް ހެލްޕްލައިން 1412އަށް 1800 އަށްވުރެ ގިނަ ކޯލް ލިބިފައިވާކަމަށް، މީގެ ތެރޭގައި ގިނައީ ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ ކޯލްތައް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން ވަނީ މިއަހަރުގެ ފެބްރުއަރީ މަހު ހުށައަޅާފައިވާ މައްސަލަތަކުގެ ތަފްޞީލުވެސް ޢާންމުކުރައްވާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އެ ވުޒާރާއަށް ޖުމްލަ 202 މައްސަލަ ރިޕޯޓުކޮށްގެން އެޓެންޑްކޮށްފައިވެއެވެ. މީގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅައިފައިވަނީ ކުޑަކުދިންނަށްކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 86 މައްސަލަ ފެބްރުއަރީ މަހު ވަނީ ރިޕޯޓްކޮށްފައެވެ.
އިހުމާލުވުމުގެ 27 މައްސަލަ
ޖިސްމާނީ އަނިޔާގެ 20 މައްސަލަ
ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ
ގަނާގެ ޝިކާރައަކަށްވުމުގެ 9 މައްސަލަ
ޖިންސީ ހާނިއްކައިގެ 8 މައްސަލަ
ނަފްސާނީ އަނިޔާގެ 6 މައްސަލަ
ޗައިލްޑް އެބޭންޑަންޓްމެންޓްގެ 2 މައްސަލަ
އެހެނިހެން އަނިޔާގެ 3 މައްސަލަ
2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައް. pic.twitter.com/suHKwE1D7J
— Ministry of Social and Family Development (@MSFDmv) March 27, 2025
ތަފާސް ހިސާބުތައް ދައްކާގޮތުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 46 މައްސަލައެއް ފެބްރުއަރީ މަހު އިޖުތިމާޢީ ވުޒާރާއަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ޖިސްމާނީ އަނިޔާ ކުރުމުގެ 19 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 7 މައްސަލައެއްވެސް ހިމެނެއެވެ.
ފެބްރުއަރީ މަހު ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 22 މައްސަލައެއް އިޖުތިމާޢީ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 13 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 4 މައްސަލަ އަދި ހަޟާނާތުގެ 5 މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 14 މައްސަލަ ފެބްރުއަރީ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލަވެސް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 18 މައްސަލައެއްވެސް އެ މަހު ވަނީ ހުށަހަޅާފައެވެ.
އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު އެ ވުޒާރާގެ ހެލްޕްލައިން ނަންބަރ 1412 އިން ޖުމްލަ 1815 ކޯލަށް ވަނީ އެޓެންޑްކޮށްފައެވެ. މީގެ ތެރޭގައި ބޮޑެތި މީހުންގެ ފަރާތުން އައިސްފައިވާ 1271 ކޯލަކާއި، ނަންހާމަނުކުރާ 518 ފަރާތަކުން ކޮށްފައިވާ ކޯލުތަކުގެ އިތުރުން ކުޑަކުދިންގެ ފަރާތުން އައިސްފައިވާ 26 ކޯލް ހިމެނެއެވެ.
މިދިޔަ ފެބްރުއަރީ މަހު އެ ވުޒާރާގެ ހެލްޕްލައިން ނަންބަރ 1421 އިން ޖުމްލަ 468 ކޯލަކަށްވެސް ވަނީ އެޓެންޑްކޮށްފައެވެ. މީގެ ތެރޭގައި އަންހެނުންގެ ފަރާތުން އައިސްފައިވާ 249 ކޯލަކާއި، ނަންހާމަނުކުރާ 144 ފަރާތަކުން އައިސްފައިވާ 75 ކޯލެއްގެ އިތުރުން ފިރިހެނުންގެ ފަރާތުން އައިސްފައިވާ 75 ކޯލެވެ.
ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 140 އެވެ. އެމަހު ދައުލަތަށް އަލަށް 1 ކުއްޖަކު ނަގާފައިވެއެވެ. އަދި 2 ކުއްޖަކު ފޮސްޓަރކޮށް، 7 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ނުވަތަ އާއިލާއަށް ޙަވާލު ކުރެވިފައިވެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށްގެން "ކޮންމެ ކުއްޖަކަށް އާއިލާއެއް" ނަމުގައި ޚާއްޞަ ޕްރޮގްރާމެއް އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމަކީ ކޮންމެ ކުއްޖަކީވެސް އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން ބޮޑުވާ ކުއްޖަކަށްވުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެދަށުން އަދުގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ.