ޢީދު ރަމްޒުކޮށްދޭ އިންސާނީ ޝިޢާރަކީ، ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުންކަމަށް މިއަދުގެ ޢީދު ނަމާދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ޢީދު ނަމާދު ނަމާދު ވަނީ މާލެއާއިި އަތޮޅުތެރޭގެ ހުރިހާ ރަށެއގައި ބޮޑު ޖަމާޢަތުގައި އަދި ބޮޑެތި މިސްކިތްތަކުގައި ކޮށްފައެވެ.
އިސްލާމީ ޢީދުތައް ފެށެނީ، މާތް ﷲއަށް ޝުކުރުދެންނެވުމަށް ޓަކައި، ކުރެވޭ ޢީދު ނަމާދުގެ ޖަމާޢަތުންނެވެ. ޢީދު ޚުޠުބާގައި ވަނީ ޢީދު ނަމާދުގެ ބޮޑު އެއްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބަޔަކާ ތަޢާރުފުވެ، ސަލާންގަލާންކޮށް، ހެޔޮ އެދުމާއި ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ލިބޭކަމަށާއި، އިސްލާމީ އުޚުއްވަތްތެރިކަމާއި، ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅުކުރެވޭކަމަށެވެ.
އިސްލާމީ ޢީދުތަކަކީ، އޭގެ އުފަލުގައި އެންމެން ބައިވެރިކުރުވާން ޖެހޭ އިޙުތިފާލުތަކެއްކަން ހަނދާންކޮށްދެއްވަމުން ޢީދު ޚުޠުބާގައިވަނީ ޢީދު ދުވަހު އުފާފާޅުކުރަންވީ ހަމަ އެކަނި ތަނަވަސް މީހުން އެކަނިނޫންކަމަށާއި، ތަނަވަސްކަމުގެ އަހުލުވެރީން، އެ ދުވަހުގައި އުފާފާޅުކުރަންވީ ފަޤީރުންނަށާއި މިސްކީނުންނަށް ހެޔޮ ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ވެސް ބައިވެރިކޮށްގެންކަމަށެވެ. ފިޠުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައިވަނީ، އޭގެ ސަބަބުން ފަޤީރުންނަށް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ތަނަވަސްކަން ލިބޭނެތީކަމަށާއި، އިސްލާމީ ޢީދުތަކަކީ، ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
މިހެންވެ، ޢީދު ދުވަހު ހިނައިގަތުމާއި، އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން، ސުންނަތްވެގެންވާކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވަނީ ހުވަނދުލުމާއި، މީރު ވަސް ދުވާ އެއްޗެހީގެ ބޭނުންކުރުމަކީ، އިސްލާމީ ރިވެތި އަދަބެއްކަމަށްވެސް ވިދާޅުވެފައެވެ. ކީރިތި ރަސޫލާގެ ސުންނަތުން އެނގޭ ގޮތުގައި، އިސްލާމް ދީން މަނާކުރަނީ، އިސްރާފުކުރުމާއި، ބޮޑާކަމާއި، ކަންދެއްކުމުގެ ސިފަޖެހިފައިވާ ކަންތައްތައްކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
"اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إلَـٰهَ إلَّا اللهُ وَاللهُ أَكْبَرُ، اللهُ أَكْبَرُ وَلِلَّهِ الْـحَمْدُ. މި ފަދަ އުފާވެރި ދުވަހެއްގައި، ހަނދާނަށް ގެންނާންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، މި ބަރަކާތްތެރި ޖަމާޢަތަށް އަހަރެމެން ޙާޒިރުކުރުވީ މާތްވެގެންވާ އިސްލާމް ދީންކަމެވެ. އެހެންވެ އަހަރެމެންގެ ދީނާއި، ޢަޤީދާއަށް ރައްކައުތެރިވާން ޖެހޭނެއެވެ. ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތަކީ، އިސްލާމް ދީނާއި، އެކުވެރިކަމާއި، މިނިވަންކަމާއި، އިސްތިޤުލާލެވެ. ކުރިއަށް އޮތް ޖީލުތަކަށް މި މަތިވެރި ޢަޤީދާ ފޯރުކޮށްދީ، ޤައުމުގެ އިސްލާމީ ޝަޚުޞިއްޔަތު ރައްކައުތެރިކޮށް، ދަމަހައްޓާން މިއަދު ޢަޒުމު ކަނޑައަޅާން ޖެހޭނެއެވެ. މި ލޮބުވެތި ވަޠަން، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ، އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރުބިޔަތާއި ތަޢުލީމު ފޯރުކޮށްދީގެންނެވެ.ޢީދު ޚުޠުބާގައި ވިދާޅުވިއެވެ.
ޢީދު ޚުޠުބާގައިވަނީ ޢީދު ދުވަހު އިންސާނިއްޔަތުކަން ފާޅުވާން ޖެހޭނެކަން ހަނދާންކޮށްދެއްވާފައެވެ. ޢީދުގެ އުފާފާޅުކުރަމުންދާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ މަތީން ހަނދާންކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ. އެ މީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެ ކެކުޅުންތަކުން އެ މީހުން ސަލާމަތްކޮށްދެއްވުން އެދި ހެޔޮ ދުޢާކުރާން ޖެހޭކަމަށާއި، ހަމައެހެންމެ، އަހަރެމެންގެ ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ކަހަލަ އަރައިރުމެއް، ދެކޮޅުވެރިކަމެއް އޮތް ނަމަ، އެ ކަން ނައްތާލުމަށްވެސް ކުޠުބާގައި ގޮވާލެއްވިއެވެ. އިސްލާމް ދީން ގޮވައިލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކުކަމުގައި ވުމަށްކަމަށްވެސް ވިދާޅުވިއެވެ.
އަނިޔާވެރިޔާއާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެކަމަށާއި، ޙަޤީޤީ ލޯބި އޮންނާނީ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެގެންކަމށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. ޢީދު ރަމްޒުކޮށްދޭ އިންސާނީ ޝިޢާރަކީ، ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައި، އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިދިނުންކަމަށްވެސް ފިޠުރު ޢީދުގެ ޚުޠުބާގައި ވިދާޅުވިއެވެ.