ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިންޓަރނޭޝަނަލް ރެފުރީ ބެޖު ރާއްޖޭގެ ތިން ރެފުރީއަކު ހާސިލުކޮށްފިއެވެ. މިގޮތުން ކާވާ އިންޓަރނޭޝަނަލް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކޮށް މުޙައްމަދު ވަހީދު ބެޖު ހާސިލުކޮށްފަވާއިރު، އިތުރު ދެ ރެފުރީއަކު ވަނީ ކާވާ އިންޓަނޭޝަނަލް ބީޗް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކޮށް ބެޖު ހާސިލްކޮށްފައެވެ. އެއީ އާއިދާ އަބްދުލް ހަކީމް އާއި މުހައްމަދު ސާމިންއެވެ.
މި ފަރާތްތަކަށް ބެޖު ހަވާލުކޮށްދެއްވީ ކާވާގެ ރައީސް މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތު ބާއްވާފަވަނީ ކާވާގެ މައި އޮފީހުގައެވެ. މިކަމާ ގުޅޭ ގޮތުން "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ކާވާގެ ރައީސް ލަތީފް ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ރެފްރީން ގިނަވަމުންދިއުމަކީ ވޮލީގެ ކުރިއެރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. މިގޮތުން އަމާޒަކީ ވޮލީއާ ގުޅުންހުރި އެންމެހާ ދާއިރާތަކުން ދިވެހިން ތަމްރީނުވެ، ބައިނަލްއަގުވާމީ މައިދާނުން ފެނިގެން ދިއުންކަމަށެވެ.
"ރާއްޖެއަކީ ސާކުގެ ގައުމުތަކުގެ ތެރެއިންވެސް އިންޓަނޭޝަނަލް ރެފްރީން އެންމެ ގިނަ ގައުމު. އެހެންވީމަ މިއީ ރާއްޖޭގައި ވޮލީ ބޯޅަ ތަރައްޤީވަމުން އަންނަ ކަމުގެ ހެއްކެއް" ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރުގެ ޖުލައި މަހަށް އެފްއައިވީބީ ލެވެލް އެކެއްގެ ކޯހެއް ރާވާފައިވާ ކަމަށާއި، އުއްމީދަކީ ވޮލީއާ ގުޅުންހުރި ދާއިރާތަކުން ގިނަ އަދަދަކަށް ދިވެހިން ތަމްރީނުވުންކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ.
ކާވާ އިންޓަނޭޝަނަލް ވޮލީބޯލް ރެފުރީ ކޯސް ފުރިހަމަކޮށް ބެޖު ހާސިލުކުރި ރެފްރީންނާއެކު މިހާރު ރާއްޖޭގައި ތިބި އިންޓަރނޭޝަނަލް ރެފުރީންގެ އަދަދުވަނީ ފަނަރައަށް އަރާފައެވެ. އޭގެ ތެރޭގައި އެފްއައިވީބީ އިންޓަނޭޝަނަލް ރެފުރީންގެ ގޮތުގައި ހަތަރު ވޮލީބޯޅަ ރެފުރީން ތިބިއިރު، ބީޗް ވޮލީއަށް ޚާއްސަ ރެފުރީއަކުވެސް އެބަހުއްޓެވެ. އަދި އޭވީސީ އިންޓަރނޭޝަނަލް ރެފުރީންގެ ގޮތުގައި ހަތަރު ރެފުރީން ތިބިއިރު، ބީޗްވޮލީންވެސް ވަނީ ރެފުރީއަކު ތަމްރީނުވެފައެވެ.