ޚަބަރު

އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އިޤްތިޞާދީ ވަޒީރު ތުރުކީވިލާތަށް


  • އިންވެސްޓްމަންޓުގެ ދާއިރާއިންވެސް މުހިންމު މަޝްވަރާތަކެއް ކުރައްވާނެ

  • ވިޔަފާރީގެ އައު ފުރުޞަތުތައް ހޯދުމަށް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ

ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ތުރުކީއަށް ފުރާވަޑައިގަންނަވައިފިއެވެ.

އިޤްތިޞާދީ ވަޒީރު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ވިޔަފާރިވެރިންގެ އިތުރުން ތުރުކީވިލާތުގައިގައި ޤާއިމްވެފައި ތިބި ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ވިޔަފާރީގެ ދާއިރާއިން ދެ ޤައެމުގެ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެކަންތައްތަކުގެ އިތުރުން އައު އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅުގައި އިޤްތިޞާދީ ވަޒީރުގެ އިތުރުން އެ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ވަޑައިގެންނެވި ޤައުމަކީ ތުރުކީވިލާތެވެ. އަދި ތުރުކީވިލާތާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ދަނީ ގުޅުން ބަދަހިވަމުންނެވެ. އަދި ރާއްޖޭގެ އެކި ދާއިރާތައް ތަރައްޤީކުރުމަށް ތުރުކީވިލާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.