ޚަބަރު

ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކުގެ މަޢުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނަށް ދެއްވައިފި


  • ވިޔަފާރީގެ އިތުރު ގުޅުންތައް އުފެއްދުމާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައި

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މަޢުލޫމާތު ތުރުކީގެ ވިޔަފާރިވެރިންނަށް ދެއްވައިފިއެވެ. މިމަޢުލޫމާތު ދެއްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު، އިސްތަންބޫލްގައި ތިއްބަވާ ތުރުކީގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކުރައްވައި އެބޯޑުގެ ޗެއަރމަން އާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކް އިސްވެހުންނަވައި ކުރިއަށް ގެންދެވި މިބައްދަލުވުމުގައި ތުރުކީގެ ފާހަގަކޮށްލެވޭ އެކިދާއިރާތަކުގެ ވިޔަފާރިވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ގެދޮރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރީގެ އިތުރުން ބަނދަރު ތަރައްޤީކުރުމާއި ޓެކްނޮލޯޖީގެ ދާއިރާ ހިމެނޭހެން ދިވެހިރާއްޖެ އާއި ތުރުކީއާ ދެމެދު އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އައު ގުޅުންތައް ޤާއިމުކުރުމަށްވަނީ މަޝްވަރާކުރައްވާފައެވެ.

މިބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްވަނީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއަށް މުހިންމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރެވުނު "އިކޮނޮމިކް ކޯޕަރޭޝަން" އެއްބަސްވުމާއި މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސޮއިކުރެވިފައިވާ "ޕްރިފަރެންޝަލް ޓްރޭޑް" އެއްބަސްވުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން ކުރިއަރަމުން އަންނަކަމުގެ ހެކިތަކެއްކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ސަޢީދު ވަނީ ދެއްވާފައެވެ.

މިބައްދަލުވުމުގައި، އިންވެސްޓް މޯލްޑިވްސްގެ ސީއީއޯ ނުހާ މުޙައްމަދު ރިޒާ ވަނީ ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ. މިޕްރެޒެންޓޭޝަންގައި ދިވެހިރާއްޖެއަކީ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްގެ ގޮތުގައި ކުރިއަރަމުން އަންނަ މަންޒިލެއްކަން ފާހަގަކުރައްވާފައިވެއެވެ.

ތުރުކީގެ ވިޔަފާރިވެރިންނާއެކު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ޚާރިޖީ ވަޒީރާއި އިޤްތިޞާދީ ވަޒީރުވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ތުރުކީވިލާތުގެ ވެރިރަށް އިސްތަންބޫލުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމަކީ ކުރިއަށް އޮތް އަހަރުތަކުގައި ތުރުކީއާއި ދިވެހިރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މުހިންމު ބައްދަލުވުމެއް ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއެވެ.