ޚަބަރު

ދައުލަތުގެ މާލީ ހިސާބުތައް: ޚަރަދަށްވުރެ އާމްދަނީ 2.3 ބިލިޔަން ރުފިޔާ އިތުރު


  • ދައުލަތަށް 11.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ

  • ދައުލަތުގެ ޚަރަދުތައް ހުރީ 9.1 ބިލިޔަން ރުފިޔާގައި

މިއަހަރުގެ ފުރަތަމަ 12 ހަފްތާ ނިމުނުއިރު ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 2.3 ބިލިޔަން ރުފިޔާ އިތުރު ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އޭޕްރީލް މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 11.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ދައުލަތުގެ ޚަރަދުތައް ހުރީ 9.1 ބިލިޔަން ރުފިޔާގައެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން މިއަހަރުގެ ފުރަތަމަ 12 ހަފްތާގެތެރޭ އާމްދަނީގެގޮތުގައި 11.2 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދު ކަމުގައިވާ 10.7 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %4.6 އިތުރު އަދަދެކެވެ.

އާމްދަނީގެ ގޮތުގައި މިއަހަރު ލިބިފައިވާ 11.2 ބިލިޔަން ރުފިޔާގެތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި 8.6 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.4 ބިލިޔަން ރުފިޔއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 56 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ރިޕޯޓުން ދައްކައެވެ.

10 އޭޕްރީލްއާ ހަމައަށް ހޭދަވި ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީންނެވެ. އެގޮތުން، އެ މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ގާތްގަނޑަކަށް 3.6 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ ގާތްގަނޑަކަށް 3.1 ބިލިޔަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ އެ މުއްދަތުގައި 556.9 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 327.2 މިލިޔަން ރުފިޔާ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ މިންވަރު ވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، 10 އޭޕްރީލްގެ ނިޔަލަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 437.1 މިލިޔަން ރުފިޔާ ޖަމާކުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ފަންޑަށް ޖަމާކޮށްފައިވަނީ 342 މިލިޔަން ރުފިޔާއެވެ.

10 އޭޕްރީލްގެ ނިޔަލަށް ދައުލަތުގެ ހަރަދުތައް ގާތްގަނޑަކަށް 9 ބިލިޔަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ވަނީ ގާތްގަނޑަކަށް 11.8 ބިލިޔަން ރުފިޔާ ހޭދަކޮށްފައެވެ. މިއަހަރުގެ ހަރަދުތަކުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަވި ގާތްގަނޑަކަށް 2.4 ބިލިޔަން ރުފިޔާ ހިމެނޭއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލޯން ދެއްކުމަށް ހޭދަކުރީ 847.9 މިލިޔަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ބަޖެޓްގެ ޕްރައިމަރީ ބެލެންސް 351.6 މިލިޔަން ރުފިޔާއިން އަރަނިވެފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ ގާތްގަނޑަކަށް 3.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. އެއާ އެކު، މިއަހަރުގެ ޖުމްލަ ބަޖެޓްގެ ބެލެންސް އެހާތަނަށް ވަނީ 2.1 ބިލިޔަން ރުފިޔާއިން އަރަނިވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ ބަޖެޓްގެ ބެލެންސް ހުރީ 1.1 ބިލިޔަން ރުފިޔާގެ ޑެފިސިޓްގައެވެ.

ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ އިތުރުކުރެވިފައިވާއިރު، މިއީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރުމުގެ ސަޤާފަތެއް ރާއްޖޭގައި އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ވަޅުޖެހިފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. މިގޮތުން މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވާފައިވެއެވެ.