ހުޅުމާލޭ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރަން ބިން ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމާއި މިސްކިތް ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫޢަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކުރާގޮތަށް ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިސްކިތުގެ ކޮންޓްރެކްޓަރ ހަމަޖެއްސުމުގެ މަސައްކަތްކުރާނީވެސް ޚަރަދުކުރާ ފަރާތުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
މިމިސްކިތް ބިނާކުރުމާއި ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު ގިނައީ ވަގުތީ މިސްކިތްތަކެއްކަމަށެވެ. އެހެންކަމުން އެސަރަޙައްދުގައި ދާއިމީ މިސްކިތް ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
ހުޅުމާލެ ފޭސް 2 ގައި 3000 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކުރުން.
— Ministry of Islamic Affairs (@MVIaffairs) April 16, 2025
މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން، ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެފަރާތުން. pic.twitter.com/V64jXYz5yk
"ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއްދެއްވާކަމެއް ހުޅުމާލޭގެ ޚާއްސަކޮށް ފޭސް 2 ގައި މީހުންނަށް ނަމާދުކުރެވޭނެ ދާއިމީ ޖާގަ ތަނަވަސްކޮށްދިނުން. އެނގިވަޑައިގަންނަވާނެ މިވަގުތު ބައެއް ބޭފުޅުން ނަމާދުކުރައްވަމުންދަނީ ވަގުތީ މިސްކިތްތަކުގައި. އަޅުގަނޑުމެންގެ އަމާޒަކީ ވީއެންމެ އަވަސް ފުރުސަތެއްގައި މިތަންތަނުގައި ދާއިމީ މިސްކިތްތައް ތަރައްޤީކުރެވޭނެގޮތް ފަހިކޮށްދިނުން" ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 3000 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތް ނިމޭއިރު، އެތަނުގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ބޭނުންކުރެވޭނެ ނިޒާމާއި އަދި އޭސީތައްވެސް ހަރުކުރެވޭނެކަމަށެވެ. އަދި މިސްކިތް ނިމޭއިރު ޤުރުއާން ކިޔަވައިދޭ ކްލާސް ރޫމްތަކާއި، ލައިބްރަރީ ހިމެނޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތް ބިނާކުރުމަށް އެޗްޑީސީން 18700 އަކަފޫޓުގެ ބިމެއް ދޫކޮށްފައިވާކަމަށެވެ. އަދި ބިން ހަވާލުކުރިތާ 2 އަހަރު ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމާ ހަވާލުކުރަންޖެހެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ތަރައްޤީކުރުމާއި މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މިވަގުތު ހުޅުމާލޭގައި ތަރައްޤީކުރަމުން އަންނަ ބައެއް މިސްކިތްތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭގައި ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.