މަސްތުވާތަކެތިން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މީހުންނަށް ހިތްވަރުދީ، އެމީހުންނަށް އެހީތެރިވުމުގެ ފުރުޞަތު، މަސްތުވާތަކެތީގެ ވަބާއިން އަރާގަނެފައިވާ މީހުންނަށް ހުޅުވާލައިފިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުގައި ފަރުވާ ދެމުންދާ ޤައިދީންނަށް މަގު ދައްކައިދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް ހިލޭސާބަހަށް މަސައްކަތްކުރެވޭނެ ކަމަށެވެ. މިގޮތަށް 30 މީހުންނަށް ފުރުޞަތު ދިނުމަށް ނިންމަވާފައިވާކަމަށް އެ އެޖެންސީން ވިދާޅުވިއެވެ. އެކަމުގެ ޝަރުތުގެ ތެރޭގައި ގްރޭޑް 7 ނިންމާފައިވުމާއި، މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން ހިމެނެއެވެ.
އެންޑީއޭއިން ވިދާޅުވީ ހިލޭސާބަހަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއެކު ސިޓީއެއް، އެ އެޖެންސީގެ މެއިލްއަށް ހުށައެޅޭނެ ކަމަށެވެ.
އެ މަސައްކަތްކުރުމަށް ހުޅުވާލާފައިވާ ތަންތަނަކީ އެންޑީއޭ، ހިންމަފުށީގައި ޤާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ހާފްވޭހައުސް، ދަގެނާ، ސ.ހުޅުދޫގައި ޤާއިމުކޮށްފައި ހުރި ވިލުނު ސެންޓަރުގެ އިތުރުން ގދ. ތިނަދޫ، ސ.ހިތަދޫ، ޏ، ފުވައްމުލައްސިޓީގައި ޤާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތަކެވެ.
ސަރުކާރުން ދަނީ މަސްތުވާތަކެތިން އަރައިގަތުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ފަރުވާ ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނުކުންނަ މީހުންނަކީ ދީނީ ގޮތުން އަޚުލާޤު ރަނގަޅު ބައެއްކަން ކަށަވަރުކުރެވޭނެ ގޮތަށް ފަރުވާ ބައްޓަންކޮށްފައިވާކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ވިދާޅުވެއެވެ.