މަސްވެރިކަމުގެ ދާއިރާއިން ލިބޭ މަންފާ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއެކު މިސިނާޢަތް ތިން ގުނަ ފުޅާވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާވަނީ މިސިނާޢަތުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި އެކަމުގައި ގެންގުޅުއްވާ ވިސްނުން ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ބޮޑު އެއް ވިސްނުންފުޅަކީ ވެލިއު އެޑް ނުވަތަ އަގު އެއްކުރެވޭ އުފެއްދުންތައް ތައްޔާރުކޮށް މާކެޓްކުރެވޭ ކެޕޭސިޓީ އިތުރުކުރުމަށްކަމަށެވެ. މިހާރު ރާއްޖޭގައި ބާނާ މަހުގެ ބޮޑު އިންސައްތައެއް އެކްސްޕޯޓްކުރަނީ ރޯމަހުގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އަގު އެއްކުރެވޭ މަހުގެ ބާވަތްތައް ތައްޔާރުކުރުމުގެ ކެޕޭސިޓީ ހުރީ 115 ޓަނުގައިކަމަށެވެ. ނަމަވެސް މިހާރު ފަށާފައިވާ މަޝްރޫޢުތަކާއެކު މިއަދަދު 3 ގުނަ އިތުރުކުރެވޭނެކަމަށެވެ. އެއީ 365 ޓަނުގެ އިތުރުވުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ހަމަޖެހިފައި ހުރި މަޝްރޫޢުތައްކަމަށާއި، އެއްވެސް ކަންބޮޑުވުމެއް ނެތި މިމަސައްކަތްތައް ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަޅުބިލަމަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު ހުރީ 9600 ޓަނުގައި ކަމަށާއި، ނަމަވެސް ސަރުކާރު މަސައްކަތް ފަށާފައިވަނީ މިއަދަދު މިދަޢުރު ނިމޭއިރު 25000 ޓަނަށް އިތުރުކުރުމަށްކަމަށެވެ. އަދި އައިސް ޕްލާންޓްތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް 3 އަހަރު ނިމޭއިރު، އައިސް ޕްލާންޓްތަކުގެ ކެޕޭސިޓީއަށް 600 ޓަނު އިތުރުކުރެވޭނެކަމަށެވެ.
ރައީސް ވިދާޅުވީ މި ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ފެށިގެން ކުރިއަށްދާކަމަށެވެ.
"ތިނަދޫގައި ފަށާފައިވާ ކޯލްޑް ސްޓޯރޭޖް މިއަހަރު ނިންމާލެވޭނެ. އެއީ ވަރަށް ބޮޑު މަޝްރޫޢެއް. ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އިންޑިއާގެ ލޯނުގެ ދަށުން އެބަ ކުރިއަށްދޭ. މިއަހަރުގެ މެދުތެރޭ ނިންމާލެވޭނެ. ގައިމުވެސް މިއަހަރުތެރޭ ނިންމާލެވޭނެ. ބޭރުގެ ފަންޑިންގައި ގދ.ފިއޯރީގައި 3000ޓަނުގެ ފެސިލިޓީއެއްގެ މަސައްކަތް ފަށައިފިން އަދި ފ.ނިލަންދޫގައި 1500 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެސިލިޓީއެއްގެ މަސައްކަތް ހިމެނޭ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަދި މިހާރު ފެށިގެން ކުރިއަށްދާ މަސައްކަތްތަކުގެތެރޭގައި މުލަކުގައި 500ޓަނުގެ ފެސިލިޓީއަކާއި ކޫއްޑޫގައި 400 ޓަނުގެ މަސް ފިނިކޮށް ރައްކާކުރެވޭ ފެސިލިޓީ އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އަދި މިއަހަރު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.އިހަވަންދުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށުގައި 2000ޓަނުގެ ޕްރޮސެސިން ޕްލާންޓަކާއި ކޯލްޑްސްޓޯރޭޖް ހިމެނޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ފަށްޓަވާދެއްވާފައެވެ.
ރައީސް ވިދާޅުވީ ހުޅުމާލޭގައި ކުރިއަށްގެންދާ ބޮޑު ކަންނެލި ޕްރޮސެސްކުރާ މަޝްރޫޢަކީވެސް އިސްކަންދެއްވާ ބޮޑު މަޝްރޫޢެއްކަަށެވެ.
"ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީ އެޅުމަށް ފައިސާއާއި ބިން ވަނީ ހަމަޖެހިފައި. މިއީ އަގު އެއްކޮށް އެކި ޕްރޮޑަކްޓްތައް ތައްޔާރުކޮށް އެކްސްޕޯޓްކުރެވޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރެވޭނެ މަޝްރޫޢެއް. އެތައް ގުނައަކުން ކެޕޭސިޓީ އިތުރުވާނެ. ދައުރުގެ ތެރޭގައި މީގެ ނަތީޖާ ފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ދޯނިތަކުގައި އައިސް އުފައްދާ އާރްއެސްޑަބްލިއު ސިސްޓަމް ފޯރުކޮށްދިނުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއްކަމަށް ރަޢީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް ދޯނިތަކަށް އިތުރު ލޯނު ދޫކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ދައުރުގައި މިހާތަނަށް ވަނީ 18 ވަދު ކަނދުފަތި ބަހައްޓާފައެވެ. އަދި ކަނޑައިގެންދިޔަ 21 ކަނދުފަތީގެ ބަދަލުގައި، އެ ސަރަޙައްދުތަކުގައި ކަނދުފަތި ބަހައްޓާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަކީ ވަރަށް ބޮޑު މަންފާއެއް ހޯދޭނެ ސިނާޢަތެއްކަމަށާއި، މި ދަޢުރު ނިމޭއިރު އެކަމަށް މަގު ފަހިކޮށްދެއްވާނެކަމަށެވެ،