އެމެރިކާގެ ޓެރިފް ސިޔާސަތުގެ ސަބަބުން ރާއްޖެއިން އެޤައުމަށް އެކްސްޕޯޓުކުރާ މަހުގެ އުފެއްދުންތަކަށް އަސަރު ނުކުރާނެ ކަމަށް އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ގޮތުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު، ރާއްޖެއަށް އަސަރެއްކުރާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޓެރިފް އެހެން ޤައުމުތަކާ އަޅާބަލާއިރު ކުޑަކަމަށެވެ. އެގޮތުން ރާއްޖޭގެ އެކްސްޕޯޓަށް އިންނަ އެންމެ ދަށް ޓެރިފް ރޭޓަކީ، 10 އިންސައްތަކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރާއްޖެއިން މި އެކްސްޕޯޓުކުރަނީ މަހުގެ ބާވަތްތައް، ދެން އަޅުގަނޑުމެންގެ ވާދަވެރި އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ރޭޓު ކުޑަ، އެމެރިކާގެ ޓެރިފްއާއި ގުޅިގެން ރާއްޖެއަށް އޭގެ ސީދާ އަސަރެއް ކުރާނެކަމަކަށް ނުބެލެވޭ." ވަޒީރު ވިދާޅުވިއެވެ.
އިޤްތިސާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ދުނިޔޭގެ ބޮޑެތި އިޤްތިޞާދުތަކުން އަޅާ އެފަދަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އުފެއްދުތައް ލިބެން ހުންނަ މިންވަރަށް އަސާރުކުރާނެކަމަށެވެ. އޭގެ ސަބަބުން ބައިނަލްއަޤުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ގާތްވާކަމެއްކަމަށެވެ. މިމަޝްވަރާތައް ބައިނަލްއަޤުވާމީ މާހިރުންވެސް މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އިޤްތިޞާދަށް އަންނަ އަސަރުތައް ކުޑަކުރުމަށް، ސަރުކާރުންވެސް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ޗައިނާއާއި އެކުވެފައިވާ ފްރީ ޓްރޭޑް އެގްރީމަންޓާއި ތުރުކީއާއި އެކުވެފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރީމަންޓް އެކުލަވާލުމަކީވެސް އެފަދައިން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިވަގުތު ދުނިޔޭގެ ޙާލަތަށް އަންނަމުންދާ ބަދަލާއެކުވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ދަށްވުމެއް ފާހަގަވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއިން މިދިޔަ އަހަރަށް ކަނޑައެޅި އަމާޒަށް ފަތުރުވެރިކަމުގެ ސިނާޢަތުގައިވަނީ ވާޞިލުވެފައެވެ. އެގޮތުން އަހަރު ނިމުމުގެ ކުރިން 2 މިލިއަން ފަތުރުވެރިންގެ އަމާޒުވަނީ ހާސިލުވެފައެވެ. މިއަހަރު ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ. މިގޮތުން މިމަހުގެ މިހާތަނަށް އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.