ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 256 އެޕްލިކޭޝަން


  • ޖުމްލަ 4415 އުފެއްދުމެއް ބައިވެރިކުރަން އެޕްލިކޭޝަން ހުށަހަޅާފައިވޭ

  • މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ

  • މައުރަޒު ކުރިއަށްދާނީ މޭ މަހުގެ 23 އިން 31އަށް

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025"ގައި ބައިވެރިވުމަށް މިހާތަނަށް 256 އެޕްލިކޭޝަން ލިބިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިހެން ވިދާޅުވީ، އިޤްތިސާދީ ތަރައްޤީއާ ވިޔަފާރިއާބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް އިފްތިތާހްކޮށް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާފައިވާއިރު، މިހާތަނަށް މައުރަޒުގައި ބައިވެރިވުމަށް 256 ފަރާތަކުން ހުށައަޅާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

"ކެބިނެޓުން މިކަން ނިންމެވިއިރު މިހާތަނަށް ގާތްގަނޑަކަށް 256 އެޕްލިކޭޝަން ލިބިފަ، އަދި މީގެ ތެރޭގައި ޖުމްލަ 4415 ތަފާތު އުފެއްދުންތައް މިހާރުވެސް ހިމެނޭނެކަމަށް މިހާރުވެސް މައުލާމާތު ލިބިފައިވ\ެ" އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިނަލްއަޤުވާމީ ފަރާތްތަކުންވެސް ބައިވެރިވާނެކަން އިޤްތިޞާދީ ވަޒީރު ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މީގެކުރިން ހުޅުވާލައިފައިވަނީ މިމަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވީހާވެސް ގިނަ ފަރާތްތަކަކަށް ދިނުމަށް މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުޞަތުތަކެއް މިހާރުވަނީ ހަމަޖައްސަވާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ. ނަމަވެސް މި އުސޫލަށް ބަދަލުގެނެސް މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން އަދަދަކަށް ތަކެތި ބައިވެރިކުރުމުގެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސަވާފަައެެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ. މި މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.