ޚަބަރު

މެނިފެސްޓޯގައި ހިމެނޭ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި: ރައީސް


  • މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަން ކާމިޔާބުކަމަށް ވިދާޅުވި

  • މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ވަޒީރުން ވަނީ ހިއްސާކުރައްވާފައި

މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ ހުރިހާ މަޝްރޫޢެއް ފެށުމަށް ބޭނުންވާ ފުރިހަމަ ޕްލޭނެއް ސަރުކާރުން އެކުލަވާލާފައިވާކަމަށާއި، އަދި އެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްވެސް މިހާރު ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު އެ މަނިކުފާނުގެ ވަޓްސްއެޕް ޗެނަލްގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ ވަޒީރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި އެކު މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ވަރކިންގ ސެޝަން ކާމިޔާބުކަމަށެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ އަދި ރިޔާސީ ކެމްޕޭނުގައި ވައުދުވި ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ފުރިހަމަ، ތަފްސީލީ އަދި އަމަލީ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭން ތަންފީޒު ކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށްދާކަމަށެވެ.

ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުކުރެއްވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ހިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްސާކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. މިގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އަދި މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ވަނީ އެކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްރޫޢުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތާރީޚްތަކަށް މަޝްރޫޢުތައް ނިންމެވުމަށް ބާރުއަޅުއްވައި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާކަންކަން އޮޅުންފިލުއްވާފައެވެ. އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ބާރުއެޅުއްވިއެވެ.