ޚަބަރު

ރައީސްގެ އަނބިކަނބަލުން "ފަހި ޞިއްޙަތު ހެލްތު ކެއަރ ފެއަރ" ހުޅުއްވައިދެއްވައިފި


  • އެކި ޖަމިއްޔާތަކާއި ހޮސްޕިޓާތަކުން 15 އަށްވުރެ ގިނަ ސްޓޯލް ބަހައްޓާފައިވޭ

  • ސްޓޯލްތަކުން ހިލޭ ހެލްތު ސްކްރީނިންތައް ހަދައިދޭނެ

މި އަހަރުގެ ދުނިޔޭގެ ޞިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ފަހި ޞިއްހަތު ހެލްތު ކެއަރ ފެއަރ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

މިރޭ 10:00 އާހަމައަށް ކުރިއަށްގެންދާ "ފަހި ޞިއްހަތު ހެލްތު ކެއަރ ފެއަރ" އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް، ޔުނިސެފް ގުޅިގެން ބާއްވާ ފެއަރއެކެވެ.

ފެއަރ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފެއަރއަކީ މުޖުތަމަޢުގެ ޞިއްހީ ހާލަތު ރަނގަޅުކުރުމަށާއި ޞިއްޙީ އެކި ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މުހިންމު ހަރަކާތެއް ކަމަށެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ މިއަހަރުގެ ޞިއްޙަތު ދުވަހުގެ ޝިޢާރުކަމުގައިވާ "ދުޅަހެޔޮ ފެށުމެއް: އުންމީދީ މުސްތަޢުބަލެއް" މި ޝިޢާރުން ދުޅަހެޔޮކަންމަތީ ދެމިތިބުމަށްޓަކައި އެންމެ މުހިންމު ކަމަކީ ޅަފަތުކައި ދުޅަހެޔޮވުންކަން ދޭހަކޮށްދޭ ކަމަށެވެ. އަދި މުޅި މުޖުތަމަޢު ޝާމިލުވެގެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކުޑަކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރެވިދާނެކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ސިޔާސަތާ އެއްގޮތަށް ޤައުމީ ޔުނިވަރސިޓީން ފެށި ހަރަކާތެއް މިއީ. ޅަފަތުގެ ދުވަސްވަރު ދުޅަހެޔޮކަންމަތީ ކުދިން ބޭއްތިއްވުމަށް މުހިންމު މަޢުލޫމާތުތަކެއް މި ފެއަރއިން ހިއްސާކުރެވޭނެ." ޑރ. ޝެހެނާޒް ވިދަޅުވިއެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ޕަޑްމަލް ޑި ސިލްވާ ވަނީ ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އެކިއެކި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން 1965 ވަނަ އަހަރު ޢާންމުކޮށް ރާއްޖޭގައި މީހުން މަރުވާ ޢުމުރެއްކަމަށް ރިކޯޑުކުރެވިފައިވަނީ 42 އަހަރު ކަމަށާއި މިހާރު އެ އަދަދު 80 އަށް އުފުލިފައިވާކަން ޑރ. ޕަޑްމަލް ފާހަގަކުރެއްވިއެވެ. އަދި މިކަމުން މުޖުތަމަޢުގައި ދުޅަހެޔޮކަން އިތުރުވެ، ޅަފަތުގައި ކުދިންގެ ދުޅަހެޔޮކަން ކަށަވަރުކުރެވެމުންދާކަން ދޭހަކޮށްދޭކަމަށް ޑރ. ޕަޑްމަލް ވިދާޅުވިއެވެ.

މީގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ޞިއްހީ ގޮތުން ރާއްޖެއިން ހޯދަމުންދާ އެކި ކާމިޔާބީތަކަށް އެވޯޑުތައް ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި ވިހެއުމުގައި އެޗްއައިވީއާއި ސައިފިލިސް ފަދަ ނުރައްކާތެރި ބަލިތައް ކުޑަ ދަރިފުޅަށް ވާރުތަވުން ނައްތާލި ޤައުމުތަކުގެ ތެރޭގައި މިހާރު ރާއްޖެ ހިމެނޭކަމަށްވެސް ޑރ. ޕަޑްމަލް ވިދާޅުވިއެވެ.

"ދުޅަހެޔޮކަންމަތީ ބޮޑުވެއްޖެނަމަ ބަލިތަކުން ދުރުކޮށްދޭ. މިފަހަރުގެ ޞިއްޙަތުގެ ދުވަހު އަޅުގަނޑުމެން ޅަފަތުގެ ދުޅަހެޔޮކަން އިތުރުކުރުމަށް އިސްކަންދެނީވެސް އެހެންވެގެން." ޑރ. ޕަޑްމަލް ވިދާޅުވިއެވެ.

ފެއަރ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިސެފްގެ ޑެޕިޔުޓީ ރެޕްރެޒެންޓޭޓިވް އީސީ ފައިންގޯލްޑް ވިދާޅުވީ މިފަދަ ހަރަކާތެއް ކުރިއަށްގެންދާއިރު، ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އަހުލުވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި މިގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރުން މުހިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދުޅަހެޔޮކަން މަތީ ދެމިތިބުމަށްޓަކައި ގަވާއިދުން ސްކްރީންކޮށް، ހޭލުންތެރިވުމަށް އީސީ ފައިންގޯލްޑް ނަޞޭހަތްތެރިވިއެވެ.

"ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް އިންވެސްޓްކުރަން ޖެހޭ. އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް. ބެލެނިވެރިންނާއި ޞިއްހީ ޚިދުމަތްތެރިންނާ ގުޅިގެން މަސައްކަތްކުރަންޖެހޭނެ." އީސީ ފައިންގޯލްޑް ވިދާޅުވިއެވެ.

ފަހި ޞިއްހަތު ހެލްތު ކެއަރ ފެއަރ ހުޅުވުމގެ ރަސްމިއްޔާތަށްފަހު އެ ތަނުގައި ބަހައްޓާފައިވާ އެކި ސްޓޯލްތަކަށް ރައީސްގެ އަނބިކަނބަލުން ޒިޔާރަތްކުރެއްވިއެވެ. އަދި ސްޓޯލްތަކުގައި ތިއްބަވާ ފަރާތްތަކާ ވާހަކަދައްކަވައި އެކިއެކި މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

މި ފެއަރގައި އެކި ޖަމިއްޔާތަކާއި ހޮސްޕިޓާތަކުން 15 އަށްވުރެ ގިނަ ސްޓޯލްތައް ބަހައްޓާފައިވެއެވެ. މި ފެއަރ ކުރިއަށްދާނީ 1 ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހަވީރުގެ ދަންފަޅިއަށްފަހު މިރޭ 8:00އިން 10:00އަށް ފެއަރ ކުރިއަށްދާނެއެވެ.

ފެއަރގައި ބަހައްޓާފައިވާ ސްޓޯލްތަކުން ހިލޭ ތަފާތި ހެލްތު ސްކްރީނިންތައް ހަދައިދޭނެކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް އަޅާލުމާއި ރަނގަޅު ކާނާ ކެއުމާއި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން ހިފެހެއްޓުމާ ގުޅޭ މަޢުލޫމާތުތައް ސްޓޯލްތަކުން ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ.