ކުޅިވަރު

ކޮމްޕެނީގެ ހުވަފެނަކީ ލައިޕްޒީގާ ވާދަކޮށް ލީގު ތަށި އުފުލާލުން


ޖަރުމަން ލީގހުގެ ތާވަލުގެ އެއްވަނައިގައި ރަސްކަންކުރަމުންދާ ބަޔާން މިއުނިކުން މާދަމާ އާރްބީ ލައިޕްޒީގާ ދެކޮޅަށް ނުކުންނައިރު، އެ މެޗު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ކޮންމެހެންވެސް ބޭނުން ކަމަށް ޓީމުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޮމްޕެނީ ބުނެފައިވަނީ ތާވަލުގެ އެއްވަނައިގައި އޮތުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ކުޅުންތެރިން މިހާތަނަށް ދައްކާފަވަނީ ވަރުގަދަ ހިތްވަރެއްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މިމެޗަކީ އެޓީމުގެ 31 އަހަރުގެ ފޯވާޑް ހެރީ ކޭންއަށް މުހިންމު މެޗެއްކަން ކޮމްޕެނީ ފާހަގަކުރިއެވެ. މި މުބާރާތް ކާމިޔާބުކުރެއްވިއްޖެނަމަ މިއީ ކޭންގެ ފުޓުބޯޅައިގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބުކުރެވޭ އެންމެ ބޮޑު މުބާރާތަށް ވެގެންދާނެއެވެ. އެހެންނަމަވެސް މިސީޒަނުގައި ހަމަކުރި ފަސްވަނަ ރީނދޫ ކާޑާއެކު ބަޔާންއަށް ލީގު ކަށަވަރުވެގެންދާނެ މެޗުގައި ދަނޑަށް އެރުމުގެ ނަސީބުން ކޭން ވަނީ މަހުރޫމްވެފައެވެ.

"އަހަރުމެން ތަށި އުފުލާލަން ބޭނުން. އެކަން ކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑު އުފަލެއް. ކޭންއަށްވެސް މިކާމިޔާބީ ވަރަށް މުހިންމު ވާނެ. ކޮންމެ ގޮތަކަށް އޭނާއަށް ކަންތަށް ދިމާވެފަވިޔަސް މިކާމިޔާބީ ހަމަ ވަރަށް މުހިންމުވާނެ. މިހާ ހިސާބަށް ޓީމު ގެނައުމުގައި ހުރިހާ ކުޅުންތެރިންގެ ހިއްސާވެސް އެބައޮތް" ކޮމްޕެނީ ބުނެފަވެއެވެ.

ކޮމްޕެނީ އިތުރަށް ބުނެފައިވަނީ މެޗަށް ރަނގަޅަށް ތައްޔާރުވެވިއްޖެނަމަ މެޗުން މޮޅުވާނެކަމާ ދޭތެރޭ އޭނާ އެއްވެސް ވަރަކަށް ޝައްކެއް ނުކުރާ ކަމަށެވެ. އަދި އޭނާއަކީ ކުއްލިއަކަށް ކަންކަން ނިންމާ މީހެއް ނޫން ކަމަށާއި، ދުރާލާ ތައްޔާރުވުމަކީ އޭނާ ގަބޫލުކުރާ ގޮތް ކަމަށްވެސް ވަނީ ބުނެފައެވެ. ޖަރުމަން ލީގުގެ ތައްޓަށް ކުރެވޭ އުއްމީދު ބޮޑުކަން ފާހަގަކުރަމުން ކޮމްޕެނީ ބުނީ ކުޅުންތެރިންނާ ދޭތެރޭ ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށާއި، ހަމައެކަނި މާދަމާ މެޗުން ލައިޕްޒީގް ބަލިކުރުމުން އެކަނި ނުނިމޭނެ ކަމަށެވެ. ބަޔާނުން ބޭނުންވަނީ އަބަދުވެސް މޮޅުވާން ކަމަށާއި، ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމަކީ ޓީމުގެ ރޫހު ކަމަށް އޭނާ ފާހަގަކުރިއެވެ.

ތާވަލުގެ ފަސްވަނައިގައި އޮތް ލައިޕްޒީގާ ގުޅޭގޮތުން ކޮމްޕެނީ ބުނީ އެއީވެސް ވަރުގަދަ ޓީމެއް ކަމަށެވެ. އެއީ ހުނަރާއި ކޮލިޓީން ބެލިކަމަށްވިޔަސް ނަމޫނާ ޓީމެއް ކަމަށް ކޮމްޕެނީ ވަނީ ސިފަކޮށްފައެވެ. އެހެންކަމުން ބަޔާނުން ދަނޑަށް އަރާނީ އެކަން އެނިގިތިބެ، ބުންވަރާއި ހަކަތައާއެކު ޑިފެންސިވް ގޭމަކަށް ތައްޔާރުވެގެންކަމަށް ކޮމްޕެނީ ބުނެފައިވެއެވެ. ބަޔާނުގެ ގޯލު ހިމާޔަތްކުރުމުގައި އެ ޓީމުން ދެމި ތިބޭނެކަން ފާހަގަކުރަމުން ކޮމްޕެނީ ބުނީ އެއްގޮތަކީ އެންމެން އެއްފަހަރާ ކުރިއަށް އަރައި އިދިކޮޅު ގޯލަށް ނުރައްކާކުރުން ނުވަތަ ދެވަނަ ގޮތަކީ އަމިއްލަ ގޯލުގެ ހިމާޔަތުގައި އެންމެން ދިފާއަށް ނުކުތުން ކަމަށެވެ.

ލީގުގައި ލައިޕްޒީގާ ވާދަކުރުމަށް ބަޔާން މިއުނިކުން ނުކުންނާނީ މާދަމާއެވެ. މިމެޗު ކުޅޭނީ ރާއްޖެގަޑިން އިރުއޮއްސި 06:30 ގައި ލައިޕްޒީގުގެ އަމިއްލަ ދަނޑުކަމަށްވާ ރެޑްބުލް އެރީނާގައެވެ. މިއީ އިރުމަތީ ޖަރުމަނުގައި އޮންނަ އެންމެ ބޮޑު ދަނޑަށްވާއިރު މިތަނަށް އެއްފަހަރާ ކުޅިބަލަން 47،800 މީހުންނަށް ވަދެވޭނެއެވެ.