ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީންގެ ނިރުބަވެރި ސިފައިން ހިންގަމުންދާ ޢުދުވާނުތައް ހުއްޓާލައި، ސުލްޙަ ޤާއިމުކުރުމަށް މިހާރު ކުރަމުންދާ މަޝްވަރާތަކަށް ހުރަސްއެޅޭ ގޮތަށް ޔަހޫދީ ދަޢުލަތުގެ ޖައްބާރު ވެރިޔާ ބެންޖަމިން ނަތަންޔާހޫ ކުރި ތުހުމަތުތައް، އެ މަޝްވަރާތަކުގެ މެދުވެރިއެއް ދަޢުރު އަދާކުރާ ޤަތަރުގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޤަޠަރާއި މިސްރާއި އެމެރިކާގެ އެހީތެރިކަމާއެކު މި އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމް ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ދުވަސްކޮޅަކަށް ޙަމަލާ ބަދަލު ކުރުން ހުއްޓާލައިފަައިވެއެވެ.
ނަމަވެސް ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފުވެ މާރިޗު މަހުގެ 18ވަނަ ދުވަހުން ފެށިގެން އަނެއްކާ ވެސް ޣައްޒާއަށް ވަރުގަދަ ޙަމަލާތައް ދޭން ފަށައިފައެވެ. އޭގެ ދުވަސްކޮޅެއް ކުރިން ޔަހޫދީން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވެސް ހުރަސްއަޅައިފައެވެ. އެހެން ކަމުން ޣައްޒާއިން މިހާރު ވަނީ އެއްކޮށްހެން ކާބޯތަކެތި ވެސް ހުސްވެފައެވެ. އަދި ޣައްޒާގެ ރައްޔިތުން ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ.
މި ޢުދުވާނުތައް ހުއްޓުވުމަށް ޔަހޫދީންގެ ދަޢުލަތާއި ޙަމާސް ޖަމާޢަތާ ދެމެދު މިޞްރާ ގުޅިގެން ޤަތަރުން މެދުވެރިއެއްގެ ދަޢުރު އަދާކުރަމުންދާ މަޝްވަރާތަކަށް މާބޮޑު ކުރިއެރުމެއް އަދި ލިބިފައެއް ނުވެއެވެ.
ޙަމާސުން ބޭނުން ވަނީ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެންނާށެވެ. އެ ގޮތަށް ޔަހޫދީން އެއްބަސްވާ ނަމަ އެ ޖަމާަޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރާނެ ކަމަށް ޙަމާސުން ދަނީ ބުނަމުންނެވެ. ނަމަ ވެސް ޔަހޫދީން ބޭނުން ވަނީ ހަނގުރާމަ ނިންމާނެ ވަކި ގޮތެއް ކަނޑަނާޅައި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށެވެ.
ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ޤާތަރާ މެދު ހިތްހަމަނުޖެހުނީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް ބުރަ ނުވާތީ އެވެ. އެ ބަޔާނުގައި ވަނީ ޤަތަރުން "ދެ ފަރާތަށް ކުޅުމާއި" "ދެ އަނގައިން ވާހަކަ ދައްކާ"ކަމަށް ތުހުމަތުކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށް، ނަސްލު ހޭދަ ކުރުމަށް ހިންގާ ޖަރީމާތަކަކީ ޖާއިޒު ކަމެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.
ޤަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވަނީ ނަތަންޔާހޫގެ މި ވާހަކަތަކާއި ތުހުމަތުތައް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އަދި އެ ތުހުމަތުތަކަކީ، ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި ކޮށްފައިވާ ފިތުނަވެރި ތުހުމަތުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމަށް ހިންގަމުންދާ ޖަރީމާތައް ދިފާޢުކުރަން ނަތަންޔާހޫ މަސައްކަތް ކުރާތީ ވެސް އަންސާރީ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އެއާ އެކު، ޖެނުއަރީ މަހު ޢަމަލުކުރަން ފެށި ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 138 އަސީރުން މިނިވަންވީ، މަޝްވަރާގެ ތެރެއިންތޯ ނޫނީ އަސްކަރީ ބާރުންތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވައި، ސުލްޙައިގެ މަޝްވަރާތަކަށް ނަތަންޔާހޫ އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 51،000އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދު ކޮށްލައިފައެވެ.