ކުޅިވަރު

އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދެ ކުޅުންތެރިން ފުރައިފި


އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ދެ އެތުލީޓުން މިއަދު ފުރައިފިއެވެ.

އޭޝިއާ ބައްރަށް ޚާއްސަކޮށްގެން ކުރިއަށްދާ ރާޒުވާގެ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާ ދެ ކުޅުންތެރިންނަކީ ގައުމީ ރާޒުވާ ޓީމުގައި ހިމެނޭ އުމުރުން 14 އަހަރުގެ އާމިނަތު ސާރާ ހަލީމްއާއި ރާއްޖޭގެ އެއްވަނަ ފިރިހެން ރާޒުވާ ކުޅުންތެރިޔާ މުހަންމަދު ޝުޢާއުއެވެ.

މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށްފައިވާ ޝުޢާއު ބުނީ މުބާރާތަށް އަބަދުވެސް ފުރަނީ ފޮނި އުންމީދަކާއެކު ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށްކަމަށެވެ. މިގޮތުން ބައިނަލް އަޤްވާމީ މޮޅެތި ކުޅުންތެރިންނާ ވާދަކޮށްލަން ލިބުމަކީ މިކުޅިވަރުން ކުރިއެރުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަމަށް އޭނާވަނީ ބުނެފައެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށްދާ ސާރާ ވަނީ ފާއިތުވެދިޔަ އަހަރު ހަންގޭރީގައި ކުރިއަށްދިޔަ ޗެސް އޮލިމްޕިއަރޑްގައި ވާދަކޮށް އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން "ފައިޑް"އިން ދޭ "ވުމަން ކެނޑިޑޭޓް މާސްޓަރ" (ޑަބްލިއުސީއެމް) ހާސިލްކޮށްފައެވެ.

މި ލަގަބަކީ ރާޒުވާގެ ހުނަރާއި ކާމިޔާބީތަކަށް ބެލުމަށްފަހު ދެވޭ ލަގަބެކެވެ. މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސާރާ ބުނީ މިފަދަ މުބާރާތްތަކުގައި ވާދަކުރަން ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ. ދުނިޔޭގެ މޮޅެތި ކުޅުންތެރިންނާއި ބައްދަލުވެ، އެކުޅުންތެރިންގެ ކުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލަން ލިބުމަކީ ރާޒުވާގެ ހުނަރުތައް ތަރައްޤީވެގެންދާކަމެއްކަމަށް އޭނާ ފާހަގަކުރިއެވެ.

މިމަހުގެ 6-16 އަށް ޔޫއޭއީގެ އަލް އައިންގައި ކުރިއަށްދާ އޭޝިއަން އިންޑިވިޖުއަލް ޗެސް ޗެމްޕިއަންޝިޕުގައި ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވަނީ ވަކިވަކިންނެވެ. މިއީ އޭޝިއަން ޗެސް ފެޑެރޭޝަންއިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް މުބާރާތަށްވާއިރު، މިމުބާރާތުން ކޮލިފައިވާ ކުޅުންތެރިންނަށް އިންޓަރނޭޝަނަލް ޗެސް ފެޑެރޭޝަން އިންތިޒާމުކުރާ "ފައިޑް ވޯލްޑްކަޕު"އިން ފުރުސަތު ލިބިގެންދާނެއެވެ.

ރާޒުވާއަކީ ރާއްޖެގައި މިހާރު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކަށްވާއިރު، ނިމިދިޔަ އޭޕްރިލްމަހުގެ ތެރޭގައި ރާއްޖޭގެ ޖޫނިއާ ގައުމީ ރާޒުވާ ޓީމުންވަނީ ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށްފައެވެ. އެމުބާރާތުގައި ރާއްޖެއިންވަނީ 8 ކުޅުންތެރިއަކު ވާދަކޮށްފައެވެ.

ފާއިތުވެދިޔަ އަހަރުވެސް ރާއްޖެއިންވަނީ މިމުބާރާތުގައި ވާދަކޮށް ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. އެގޮތުން 3 ރިހި މެޑެއްޔާއި، 4 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 7 މެޑެލް އެމުބާރާތުގައި ރާއްޖޭގެ ޓީމުންވަނީ ހާސިލްކޮށްފައެވެ.