ޒަޔަނިސްޓު އިސްރާއީލުގެ ހައްދަފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެއް ވަގުތެއްގައި ފަލަސްޠީނުގެ ޣައްޒާއާއި، ލުބްނާނާއި، ޔަމަނާއި ސޫރިޔާއަށް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވަނީ ބައިވެރިވެފައެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް ދީފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ.
ޔަމަނަށް ދިން ގިނަ ޙަމަލާތައް އަމާޒު ކުރީ އަލް-ޙުދައިދާ ބަނދަރު އޮތް ސަރަޙައްދަށެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް، ބަނދަރު ކައިރީގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް އަމާޒުކުރިއެވެ. އެ ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ 30އެއްހާ އަސްކަރީ މަތިންދާބޯޓު ބައިވެރިވި ކަމަށް މަޞްދަރުތަކުން ބުންޏެވެ. ޙުދައިދާގެ އިތުރުން ޣައްޒާއާއި ލުބްނާން އަދި ސޫރިޔާއަށް ދިން ޙަމަލާތަކުގައި ޝަހީދު ކުރި މީހުންގެ އަދަދު 54އަށް އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޙުދައިދާގެ ބަނދަރު ސަރަޙައްދަށް ދިން ޙަމަލާތަކުގައި އިތުރު 35 މީހުން ޒަޚަމު ކޮށްލި ކަމަށް ޔަމަންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. މަޞްދަރުތަކުން ބުނީ، ޔަހޫދީ ފައުޖުގެ ޙަމަލާތަކާ ގުޅިގެން ޙުދައިދާ ބަނދަރުގެ އިތުރުން އެ ސަރަޙައްދުގައި އޮތް ސިމެންތި އުފައްދާ ކާރުޚާނާއެއް ބަންދު ކޮށްފައިވާ ކަމުގައެވެ. ބަނދަރަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލުތައް ލިބިފައި ނުވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. ނަމަވެސް، ބަނދަރުގެ %70 ސަރަޙައްދެއް ސުންނާފަތި ކޮށްލާފައިވާ ކަމުގައި ބައެއް ރިޕޯޓުތައް ބުންޏެވެ.
އަލް-ޙުދައިދާ ބަނދަރަކީ ރަތް ކަނޑުގެ ސަރަޙައްދުގައި އޮތް ދެވަނައަށް އެންމެ ބޮޑު ބަނދަރެވެ. އަދި، ޔަމަނަށް އެތެރެ ކުރާ ކާބޯތަކެތީގެ %80 އެތެރެ ކުރަނީ އެ ބަނދަރުންނެވެ. ޙުދައިދާގެ ރައްޔިތުން ބުނީ، ބަނދަރުގެ އިތުރުން ޙުދައިދާގެ އަލް-ސަލްޚާނާއާއި އަލް-ޙަވާކު އަވަށަށް ޔަހޫދީ ފައުޖުން 10 ވަރަކަށް ފަހަރު މެދުކެނޑުމެއް ނެތި ޙަމަލާ ދީފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތަކެވެ.
ޔަހޫދީ ފައުޖުން ޔަމަނަށް ޙަމަލާ ދީފައި މި ވަނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވަށް އަމާޒުކޮށް ދީފައިވާ މިސައިލް ޙަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ތެލް އަވީވް ކައިރީގައި އޮތް ބެން ގޫރިޔޮން ވައިގެ ބަނދަރު އޮތް ސަރަޙައްދަށް ބެލިސްޓިކް މިސައިލެއް ބޭނުން ކޮށްގެން ޙޫޘީން ދީފައިވާ ޙަމަލާއާ ގުޅިގެން އެ ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދު ކުރަން މަޖުބޫރުވިއެވެ. އަދި، އެ ޙަމަލާއާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ބޮޑެތި އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑައިލާފައެވެ.
ޙުދަޔިދާއަށް ދީފައިވާ ޙަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޙޫޘީން ވަނީ ދީފައެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢަބްދުލްޤާދިރް އަލް-މުރްތަޟާ ވިދާޅުވީ ޔަހޫދީންނަށް ތަސައްވުރު ނުކުރެވޭ ވަރުގެ ނުރައްކާތެރި ޙަމަލާތަކެއް ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.
ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދޫ ފައުޖުން ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. ޙޫޘީންގެ ބޭނުމަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކަށް ނިމުމެއް ގެނައުމަށް ބާރު އެޅުމެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާ ދިނުމުގެ އިތުރުން ޙޫޘީން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ ގެންދާ އަދި ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރުގެ އިތުރުން ޔަހޫދީންގެ މަދަދުގާރުން ކަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށެވެ.
ޔަމަނަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި އެމެރިކާއިން ބައިވެރިވެފައިވާ ކަމުގައި މަޞްދަރުތަކުން ބުނި ނަމަވެސް، އެމެރިކާއިން ވަނީ އެ ކަން ދޮގުކޮށްފައެވެ. ނަން ހާމަކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ، ޔަމަނަށް ދީފައިވާ ޙަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމުގައެވެ. ނަމަވެސް، އެ ޙަމަލާތައް ދިނުމުގައި އެކި ގޮތްގޮތުން ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެ އޮފިޝަލު ވަނީ އެއްބަސްވެފައެވެ.
ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ އިރުމަތީ އަދި ދެކުނުގައި އޮތް ރަށްތަކަށެވެ. އޭގެ ތެރޭގައި ޖާންތާގެ އުސް ބިންތަކާއި ޝިޢާރާގެ ސަރަޙައްދުތައް ހިމެނެއެވެ. މީގެ އިތުރުން ޠަޔިރް ޙަރްފާގައި ހުރި ޢާންމުން ދިރިއުޅޭ ގެތަކަކަށް ވެސް ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ. ސޫރިޔާއަށް ދީފައިވާ ނިރުބަވެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނާއި ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސަރްޣާޔާއަށެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދުތައް ސާފެއް ނޫނެވެ.