ކުޅިވަރު

ޓީމު އެއްކޮށް ފަރިތަކޮށްލަން ލިބުނު ވަގުތު ކޮޅު ކުޑަ: ލައްޗޭ


ޓީމު އެއްކޮށް ފަރިތަކޮށްލަން ލިބުނު ވަގުތު ކޮޅު ކުޑަ ކަމަށާއި، ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ މޮޅުވާން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕް 2025 ގައި ހޯމަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންނާ ވާދަކޮށް 5-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ލައްޗޭ ބުނީ އެ މެޗުގައި އެހެން ދިމާވީ ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެގޮތުން މެޗުގެ ކުރިން ޓީމު އެއްކޮށް ފަރިތަކޮށްލަން ލިބުނު ވަގުތުކޮޅު ކުޑަ ކަމަށާއި، ބިދޭސީ ކުޅުންތެރިންވެސް ހަމަޖެހުނީ މެޗަށް އެއް ދުވަހަށްވެފައި އޮއްވައި ކަމަށް އޭނާ ބުންޏެވެ. އޭގެ އިތުރުން ޓީމުގެ ބައެއް ކުޅުންތެރިންގެ އަމިއްލަ ކަންކަމާ ހެދި ތާވަލަށް ބުރޫތަކެއްވެސް އެރިކަމަށް ލައްޗޭ ވަނީ ބުނެފައެވެ.

"ހަގީގަތަށް ބުނަންޏާ އެއް ހަފުތާވަރުގެ ޓްރެއިނިން އެއް ލިބުނީ. ލިބުނު އިރުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އޮފީސް ފުޓްސަލް މުބާރާތް ފަދަ މިކަހަލަ ބައިވަރު ކަންކަން އެބަ ދިމާވި. ފޮރިން ޕްރެލަޔަރުންވެސް މިލިބުނީ އެއްދުވަސް ކުރިން." ލައްޗޭ ބުންޏެވެ.

ލައްޗޭ ބުނީ ޓީމުގެ ފުރަތަމަ 11 އެކުގައި ފަރިތަކޮށްލަން ލިބުނީ މެޗުގެ ކުރީދުވަހުގެ ހަވީރު ކަމަށެވެ. އެހެންކަމުން ލިބުނު ވަގުތާ ބަލާފައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅު ކަމަށް ލައްޗޭ ވަނީ ބުނެފައެވެ. އަދި މާޒިޔާ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި ހިތްވަރާމެދު އޭނާ ހުރީ ހިތްހަމަޖެހިފައި ކަމަށް ލައްޗޭ ވަނީ ބުނެފައެވެ.

"މާޒިޔާ ކަހަލަ ޓީމަކާ ދެކޮޅަށް މިކަހަލަ ޕާފޯމަންސެއް ދެއްކުނީމަ އަހަންނަށް ހީވަނީ މާބޮޑު މައްސަލަތަކެއް ނޫންހެން. މުބާރާތުގައި ކުޅޭނީ މޮޅުވާން. އެކަމަކު އެވެރެޖް ގޮތެއްގައި ނިއު ރޭޑިއަންޓް ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ކޯޗު ބުނާނީ ހިތްގައިމޭ، ހިތްހަމަޖެހެއޭ." ނިއު ރޭޑިއަންޓުގެ އެސިސްޓަންޓް ކޯޗު ފާހަގަކުރިއެވެ.

ލައްޗޭ ބުނީ ނިއު ރޭޑިއަންޓުން ދެން ނުކުންނާނީ ވަރުގަދަ މެޗުތަކެއް ކުޅެ މޮޅުވާން ކަމަށެވެ. އެގޮތުން ޓީމުގެ ހެޑް ކޯޗު ސޮބާހު މުޙައްމަދުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފެށި، ކުޅުންތެރިންގެ ކުޅުން އިތުރަށް ރަނގަޅުކުރެވިދާނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށް ލައްޗޭ ފާހަގަކުރިއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ޓީމާ ވާދަކޮށް ނެރެވުނު ނަތީޖާއިންވެސް އަންގައިދެނީ ނިއު ރޭޑިއަންޓުގައި ރަނގަޅު ކުޅުންތެރިން ތިބިކަން ކަމަށާއި، ކުރިއަށް ހުރި މެޗުތަކަށް ނުކުންނާނީ މޮޅުވުމުގެ އަޒުމުގައިކަމަށް ލައްޗޭ ވަނީ ބުނެފައެވެ.

"ރާއްޖޭގެ އެންމެ ޓޮޕް ލެވެލް ޓީމާ މިކުޅުނީ. މިޓީމުގަވެސް އެބަތިބި އެލެވެލްއަށް ކުޅެވިދާނެ ކުޅުންތެރިން. އެހެންވީމާ އިރާދަކުރެއްވިއްޔާ ކުރިއަށްހުރި މެޗުތަކަށް އަހަރުމެންގެ ޓީމު ނެރޭނީ ހުރިހާ މެޗުތަކަކުން ވިންކުރަން" ލައްޗޭ ބުންޏެވެ.