ޚަބަރު

"އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ"


  • 20 އިންޓަރސެޕްޓް ކްރާފްޓްތަކެއް ސިފައިންނަށް ހޯއްދަވައިދެއްވާނެކަމަށްވެސް ވިދާޅުވި

  • އަސްކަރިއްޔާ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރެއްވި

"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" މަނަވަރަކީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަމާއި ހައިބަތު ކަނޑުމަތީގައި ދައްކުވައިދޭނެ އުޅަނދެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު ކޮމިޝަން ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީގެ ވާހަކަފުޅުގައި، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖޭގެ ބޯޑަރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ގިނަ ކަންތައްތަކެއް ހިނގަމުންދާކަމާއި، އެ ނުރައްކާތަކުގެ އަސަރު ގައުމުގެ ދާޚިލީ ސަލާމަތަށްވެސް ފޯރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިލްމީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދީ އިން ހިމާޔަތްކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާ ފަދަ އަމަލުތައް ހިންގާ އުޅަނދުފަހަރާއި ފަރާތްތަކާ ކުރިމަތިލުމަށާއި، ބޭރު ދުނިޔޭގައި ރާއްޖޭގެ މަސްލަހަތުތައް ހިމާޔަތްކުރުމަށްޓަކައި މިފަދަ އަސްކަރީ މަނަވަރުތަކުގެ ބޭނުންތެރިކަން މިއަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

1980 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ކޯސްޓްގާޑުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ކޯސްޓްގާޑަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގާނޫނު ތަންފީޒުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރާ ފަރާތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ދިފާއުކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކަށް ފުރިހަމައަށް އިޖާބަދެވޭނެ ފަދަ އަސްކަރީ ގާބިލުކަމެއް ދިވެހި އަސްކަރިއްޔާގައި ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން މި މަނަވަރާއެކު ހާމަވެގެންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، މި މަނަވަރަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މިއީ ސިފައިންނާ މަތިކޮށްފައިވާ ގައުމީ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އާ ކާމިޔާބީތަކެއް ހާސިލްކޮށްދޭނެ އުޅަނދެއްކަން ވިދާޅުވިއެވެ.

"މަނަވަރު ވެގެންދާނީ ދިވެހި އަސްކަރިއްޔާގެ ހައިބަތު ކަނޑުމަތީގައި ދައްކުވައިދޭނެ މަނަވަރަކަށް. ދިވެހި އަސްކަރިއްޔާއަށް މަތިކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި ދިވެހި އަސްކަރިއްޔާގައި އެތަކެއް ކާބިޔާބީ އެއް ހާސިލްކޮށްދޭނެ މަނަވަރަކަށް ވާނެ. ދިވެހިރާއްޖޭގޭ ބޭރުގެ ކަނޑުތަކުގައާއި ބޭރު ޤައުމުތަކަށް ކުރާ އިހުތިރާމުގެ ޒިޔާރަތުގައި ނޭމަލް ޑިޕްލޮމެސީއާއެކު ދިވެހިރާއްޖޭގެ ފަހުރިވެެެރި މިނިވަން ދިދަ ވަހުރުވަމުންދާނެ މަނަވަރަކަށް" ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދަނީ މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުންކަމަށެވެ. ރާއްޖޭގެ މިނިވަންކަން އެއްގަމާއި ކަނޑާއި ވައިގެ މަގުން ރައްކާތެރިކުރުމަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ޤާއިމުކުރައްވަމުންދާކަން ފާހަގަކުރައްވައި ހިލްމީ ވިދާޅުވީ، ރައީސްގެ ހަރުދަނާ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވަމުން ގެންދަވާކަމަށެވެ. މި މަޤްޞަދު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި، ތުރުކީވިލާތުގެ ޒަމާނީ ނޭވީ މަނަވަރެއް ހޯއްދަވައިދެއްވާފައިވާކަންވެސް ހިލްމީ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑު އަޑިއާއި ކަނޑުމަތީގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށްޓަކައި، ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ފަދަ ފެންވަރުގެ "ސްޕެޝަލް ބޯޓު ސްކޮޑްރަން" އެއް މިހާރު އުފައްދަވާފައިވާކަމަށް ހިލްމީ ވިދާޅުވިއެވެ. އަދި މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން، ރާއްޖޭގެ ކޯސްޓަލް ސެކިއުރިޓީއަށް ޚާއްޞަ ކުރެވިފައިވާ 20-އިންޓަރސެޕްޓް ކްރާފްޓް ދިވެހި ސިފައިންނަށް ހޯއްދަވައިދެއްވާނެކަމަށް ނިންމާފައިވާކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވިއެވެ.