ސްރީ ލަންކާގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރެއް ވެއްޓި، ސިފައިންގެ ހަ މީހުން މަރުވެއްޖެއެވެ. ވެއްޓިފައި ވަނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ވައިގެ ސިފައިން ބޭނުން ކުރާ ބެލް 212 މަރުކާގެ ހެލިކޮޕްޓަރެކެވެ. އެ އުޅަނދު ވެއްޓިފައި ވަނީ ސްރީ ލަންކާގެ މެދުއުތުރު ޕުރޮވިންސުގައި އޮތް 'މާދުރު އޮޔެ'ގެ ނަން ދީފައިވާ ފެންގަނޑަކަށް ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ސްރީ ލަންކާގެ ވައިގެ ސިފައިންގެ ތަރުޖަމާނު އިރާންޑާ ގީގަނޭ ވިދާޅުވީ، ހެލިކޮޕްޓަރު ވެއްޓުނު ވަގުތު އޭގައި ދެ ޕައިލެޓުންނާ އެކު 12 ސިފައިން ތިބި ކަމުގައެވެ. އެ އެންމެން ސަލާމަތް ކޮށްގެން އެ ސަރަޙައްދުގައި ހުރި ހަސްފަތާލުތަކަށް ގެންގޮސްފައިވާ ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ހަ މީހަކު މަރުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަނެއް ހަ މީހުންނަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ހެލިކޮޕްޓަރު ވެއްޓިފައި ވަނީ، އަސްކަރިއްޔާގެ ހެވިކަން ދައްކައިލުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އެއީ، ސްރީ ލަންކާގެ ވައިގެ ސިފައިންގެ ޚިދުމަތަށް އަލަށް ގުޅި، ތަމްރީނު ފުރިހަމަ ކޮށްފައިވާ އައު ސިފައިންގެ ދަސްވެނިވުން ފާހަގަ ކުރުމަށް ބޭއްވި ހަރަކާތެކެވެ. އެ ހަރަކާތުގެ ތެރެއިން ހެލިކޮޕްޓަރެއް ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ސްރީ ލަންކާގެ ކަމާ ގުޅޭ އިދާރާތަކުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. ހެލިކޮޕްޓަރު ވެއްޓުމުގެ ކުރިން އެ އުޅަނދަށް ޓެކްނިކަލް މައްސަލަތަކެއް ކުރިމަތިވި ކަމަށް ބެލެވޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސްރީ ލަންކާގެ އަސްކަރިއްޔާގެ ކޮމާންޑޯ ލަޝްކަރުގެ ހަތަރު ސިފައިންނާއި، ވައިގެ ސިފައިންގެ ދެ މީހުންނެވެ. ހިނގުރަކްގޮޑެ އަސްކަރީ ވައިގެ ބަނދަރުން ހެނދުނު 6:47ގައި ފުރި ހެލިކޮޕްޓަރު މާދުރު އޮޔެ ފެންގަނޑަށް ވެއްޓިފައި ވަނީ 8:17ގައި ކަމުގައި ރިޕޯޓުތައް ބުނެއެވެ.