އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބު މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ލިބިފައިވާ އަނިޔާއިން ރަނަގަޅުވެ، މި ހަފުތާގައި އޭނާ އަލުން ކުޅުމުގެ ތެރެއަށް އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި މިއަދު ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ އަނިޔާއިން ރަނގަޅުވެ ހާލަންޑް މިހާރު ހުރީ އެއްކޮށް ފިޓުކޮށް ކަމަށެވެ.
"އޭނާ ހުރީ މި މެޗަށް ތައްޔާރަށް އެއްކޮށް ފިޓުކޮށް. މިއަދު މިކުޅޭ މެޗުގައި އޭނާ ފެންނާނެ." ގާޑިއޯލާ ބުންޏެވެ.
އުމުރުން 24 އަހަރުގެ ނޯވޭގެ ފޯވާޑް, ހާލަންޑްގެ ފައިގެ ކުޑަހުޅަށް އަނިޔާ ވެފައިވަނީ މިދިޔަ މާޗު މަހު އެފްއޭ ކަޕުގައި ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓާ ސިޓީއަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައެއް ނުވެއެވެ.
ލީގުގައި ބާކީ ތިން މެޗު އޮތްއިރު ތިންވަނައިގައި ސިޓީ އޮތީ 64 ޕޮއިންޓާއެކުގައެވެ. އަދި އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި މި ތިން މެޗަކީ އެ ޓީމަށް ވަރަށް މުހިންމު ތިން މެޗެވެ. ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑް އަދި ފަސްވަނައިގައި އޮތް ޗެލްސީއަށް ވަނީ 63 ޕޮއިންޓް ލިބިފައެވެ.
މިއަދު ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗަށްފަހު މި މަހުގެ 17 ވަނަ ދުވަހު ސިޓީ ނުކުންނާނީ ވެމްބްލީ ސްޓޭޑިއަމްގައި އޮންނަ އެފްއޭ ކަޕުގެ ފައިނަލްގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.
ހާލަންޑް ބުނެފައިވަނީ މި ސީޒަނުގައި ސިޓީއަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވަނީ ރަނގަޅު ކުޅުމެއް ދެއްކިފައިނުވާތީ ކަމަށެވެ. އަދި ކުޅުންތެރިންގެ ވިސްނުމުގައިވެސް މެޗުތަކުން މޮޅުވުމުގެ ރޫހު ހުންނަން ޖެހޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.