ޚަބަރު

ޓްރަމްޕް ގަލްފުގައި: ސަޢޫދީ ޢަރަބިއްޔާއިން އެމެރިކާގައި 600 ބިލިޔަން ޑޮލަރު އިންވެސްޓު ކުރަނީ


އެމެރިކާގައި 600 ބިލިޔަން އެމެރިކާ ޑޮލަރު އިންވެސްޓު ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމާފައިވާ ކަން އިޢުލާނު ކޮށްފިއެވެ. މި ކަން އިޢުލާނު ކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޓްރަމްޕް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާފައި ވަނީ ގަލްފު ސަރަޙައްދުގެ ތިން ޤައުމަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. ސަޢޫދީ ޢަރަބިއްޔާގެ އިތުރުން ޤަޠަރާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް ވެސް އޭނާ ވަޑައިގަންނަވާނެއެވެ.

ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާއާއި އެމެރިކާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައިވެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް އެއްބަސްވުމަކީ، އެމެރިކާގައި 600 ބިލިޔަން ޑޮލަރު އިންވެސްޓު ކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ނިންމައި، ސޮއި ކޮށްފައިވާ އެއްބަސްވުމެވެ. މީގެ އިތުރުން، 142 މިލިޔަން ޑޮލަރުގެ ހަތިޔާރު ސަޢޫދީ ޢަރަބިއްޔާއަށް ވިއްކުމަށް ވެސް ޓްރަމްޕްގެ ދަތުރުފުޅުގެ ތެރެއިން އެއްބަސްވިއެވެ. މިއީ، އެމެރިކާއިން ބޭރު ޤައުމަކާ އެކު ހަދާފައިވާ އެންމެ އަގުބޮޑު ދިފާޢީ އެއްބަސްވުމުގެ ގޮތުގައި ވައިޓް ހައުސުން ސިފަކުރިއެވެ.

ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދެއްވާނެ ކަން ވެސް ޓްރަމްޕް ވަނީ ދަތުރުފުޅުގެ ތެރެއިން އިޢުލާނު ކުރައްވާފައެވެ. ސޫރިޔާއާ ދެކޮޅަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކާއި، ޢަރަބި ޤައުމުތަކުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ، މީގެ 14 އަހަރު ކުރިން އެ ޤައުމުގައި ފެށި އަހުލީހަނގުރާމައާ ގުޅިގެންނެވެ. އެ ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ ނިރުބަވެރި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލުމާ ގުޅިގެންނެވެ. އެޗްޓީއެސުން އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް ބާޠިލު ކުރަން ނިންމެވީ، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާން އެ ކަމަށް އެދިވަޑައިގެންނެވުމުން ކަމުގައެވެ. އޭނާ ވިދާޅުވީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، މިހާރު އެ ފިޔަވަޅުތައް އުވައިލުމުގެ ވަގުތު ޖެހިފައިވާ ކަމުގައެވެ.

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލަން ނިންމާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމުން އެޗްޓީއެސްގެ ސަރުކާރުގެ ޚާރިޖީ ވަޒީރު ޢާޛާދު ޙަސަން އަލް-ޝަޔިބާނީ ވަނީ އެ ކަމަށް މަރުޙަބާ ކިޔާފައެވެ. ސޫރިޔާގެ ސަރުކާރަކީ އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނިރުބަވެރި ޖަރީމާތަކަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި ވަނީ 1979ވަނަ އަހަރުއެވެ. އަދި، އެ ޤައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ 2004ވަނަ އަހަރުއެވެ. އެއަށްފަހު، 2011ވަނަ އަހަރު އެމެރިކާއިން ވަނީ އެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

ސޫރިޔާގައި ވެރިކަން ކުރާ އެޗްޓީއެސްގެ ސަރުކާރުގެ ރައީސްގެ މަޤާމު ފުރަނީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ. ވައިޓް ހައުސުން ބުނީ، ސަޢޫދީ ޢަރަބިއްޔާއަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝަރާޢާ އެކު ކުރު ބައްދަލުވުމެއް ބޭއްވުމަށް އޭނާ ނިންމަވާފައިވާ ކަމުގައެވެ. އެ ފަދަ ބައްދަލުވުމެއްގެ ފުރުޞަތު ހޯދުމުގެ ގޮތުން ޝަރާޢުގެ ސަރުކާރުން ވަނީ ޓްރަމްޕަށް ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މި ގޮތުން، ޓްރަމްޕް ރުއްސުމަށް ޝަރާޢު ހުށަހަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ވެރިރަށް ދިމިޝްޤުގައި އެންމެ މަތީފަންތީގެ އިމާރާތެއް އެޅުމުގެ ފުރުޞަތު ޓްރަމްޕްގެ ވިޔަފާރި ކުންފުނި، 'ދި ޓްރަމްޕް އޮގަނައިޒޭޝަނަ'ށް ދިނުން ހިމެނެއެވެ.

ޓްރަމްޕާއި ވަލީއަޙުދު މުޙައްމަދާ ދެމެދު ބޭއްވެވި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފައިވާއިރު، އޭގެ ތެރޭގައި ހަކަތައާއި ދިފާޢީ ދާއިރާގެ އިތުރުން މައިން ކުރުމުގެ ސިނާޢަތާ ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ. ވައިޓް ހައުސުން ބުނީ، ދިފާޢީ އެއްބަސްވުންތަކުގެ ތެރޭގައި ވައިގެ ދިފާޢީ ނިޒާމާއި، މިސައިލް ދިފާޢީ ނިޒާމު ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުންތަކާއި، ވައިގެ ސިފައިންނާއި ޖައްވީ އިދާރާގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މުއާޞަލާތާ ގުޅޭ އެއްބަސްވުންތައް ހިމެނޭ ކަމުގައެވެ. ސަޢޫދީ ވަލީއަޙުދު ވިދާޅުވީ، މިހާރު ކުރެވެމުންދާ މަޝްވަރާތަކާ އެކު އިތުރު އެއްބަސްވުންތަކުގައި ސޮއިކުރެވުމާ އެކު ދެ ޤައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ޖުމުލަ އަގު އެއް ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމުގައެވެ.