އއ. މަތިވެރީގައި ތަރައްގީކުރާ ޑޮމެސްޓިކް އެއަރޕޯޓު މަޝްރޫޢަށް ފައިނޭންސް ކުރުމަށް، ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރުގެ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އއ.އަތޮޅަކީ މިހާތަނަށް އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ މަތިވެރީގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް ނުވަތަ ތަރައްޤީކުރުމަށް ފައިނޭންސްކުރުމަށް، މާލީ އަދި ފަންނީ ޤާބިލުކަން ސާބިތުކޮށްދެވޭ ޝަރުތުހަމަވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މިފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
އިމާރާތް ކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ މަޝްރޫޢު ތަންފީޒުކުރެވޭނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުންކަމަށެވެ. މިމޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ޚަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ. ނުވަތަ ކޮންޓްރެކްޓަރ ފައިނޭންސިންގ، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިންގ މެދުވެރިކޮށްވެސް ކުރިއަށް ގެންދެވިދާނެކަމަށް އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫޢުގައި ހިމެނެނީ 1500 މީޓަރުގެ ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމާއި ޓެކްސީވޭއާއި އޭޕްރަންގެ އިތުރުން ފަސިންޖަރ ޓާމިނަލާއި ފަޔަރަ ސްޓޭޝަންގެ އިތުރުން އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރުމެވެ. މީގެއިތުރުން އެހެނިހެން ޚިދުމަތްތައް ތަރައްޤީކުރުންވެސް ހިމެނެއެވެ.
މިއަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އއ. މަތިވެރި އެއަރޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން މި އަހަރު އެންމެ އިސްކަމެއް ދީގެން އަލަށް ފަށާ އެއަރޕޯޓު މަޝްރޫޢުތަކުގެ ތެރޭގައި މަތިވެރި އެއަރޕޯޓު އެޅުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވެފައިވަނީ އެއަރޕޯޓު އެޅުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދޮރުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި އެއަރޕޯޓާއެކު އިގްތިސާދީ ނަފާ ވެސް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.