ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ދެމުންދާ ލާއިންސަނީ ޢުދުވާނުތަކުން، މި ހަނގުރާމަ ހުއްޓައިލަން ޔަހޫދީން ބޭނުންނުވާކަން ވަރަށް ސާފުކަމަށް، ޤަތަރުގެ ބޮޑުވަޒީރު ޝެއިޚު މުހައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ޝެއިޚު މުޙައްމަދު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ހުރި އެމެރިކާއަށް ނިޞްބަތްވާ އަސީރެއް ކަމަށްވާ އެޑެން އެލެގްޒާންޑަރ މިނިވަންކުރުމުން، ސުލްޙައިގެ މަޝްވަރާތަކަށް ކުރިއެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ.
ނަމަވެސް، އޭގެ ބަދަލުގައި ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ޚިޔާރުކުރީ، ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާނުތައް އިތުރަށް ވަރުގަދަކުރަން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ޣައްޒާގައި ނިކަމެތި ކޮށްލާފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންނާއި އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމަށް ރާވަމުންދާ ރޭވުމަށްވެސް ޝެއިޚު މުޙައްމަދު ވަނީ އެއީ ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެމެރިކާއާއި ޔަހޫދީން ގުޅިގެން ރާވާފައިވާ ރޭވުމެއްގެ ދަށުން، ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ވިލަރެސް ކުރުމަށް 'ޣައްޒާ ހިއުމެނިޓޭރިޔަން ފައުންޑޭޝަން' (ޖީއެޗްއެފް)ގެ ނަމުގައި ފެބުރުވަރީ މަހު ވަނީ ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި ހަރަކާތްތެރިވާން ފެށުމަށް އެ ޖަމުޢިއްޔާއިން ތައްޔާރުވަމުންދާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ޣައްޒާގައި އެހީ ބެހުމުގެ މަސައްކަތް އެމެރިކާއާއި ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑުކިޔުންތައް އޮތީ އަމާޒުވެފައެވެ. މަޞްދަރުތަކުން ބުނީ، ޖީއެޗްއެފްގެ މަސައްކަތްތައް ހިނގައިގަންނަން ދެން، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ފުރުޞަތު އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤުވާމީ އެހެން ޖަމުޢިއްޔާތަކަށް ފުރުޞަތު ދޭނެ ކަމުގައެވެ.
ޔަހޫދީ ފައުޖުގެ ޣައްޒާގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ކަން ކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕްގެ ފުރިހަމަ ތާޢީދާއި އެހީތެރިކަމާ އެކުގައެވެ. އެ ދުވަހުން ފެށިގެން ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާނެ ތެޔޮ އެތެރެ ކުރުމަށް ވެސް ޔަހޫދީ ފައުޖުން އޮތީ ހުރަސް އަޅާފައެވެ. މިއާ އެކު، ޣައްޒާގައި އެތަކެއް ސަތޭކަ ހާސް ބަޔަކު ހައިހޫނުގައި ޖެހިފައިވާ ކަމުގެ އިންޒާރު އދއާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ޖަމުޢިއްޔާތަކުން ވަނީ ކޮށްފައެވެ.