ކުޅިވަރު

އޭޝިއަން ޔޫތު ގޭމްސްގެ އޮފިޝަލް ޗެފް ޑި މިޝަން ސެމިނާގައި ރާއްޖެއިން ބައިވެރިވެއްޖެ


މި އަހަރު ބާއްވަން ހަމަޖެހިފައިވާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން ސެމިނާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މި ސެމިނާގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަތީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓެރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދާއި، އެ މުބާރާތަށް ރާއްޖެއިން ހަމަޖެއްސި ޗެފް ޑި މިޝަން މުރުޝިދާ އަބްދުލް މަންނާނުއެވެ.

މުޅިއަކު 45 ގައުމުން ބައިވެރިވި މި ބައްދަލުވުން ބާއްވާފައިވަނީ މި އަހަރުގެ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަހްރެއިންގައެވެ. މި ބައްދަލުވުމުގެ މަގުސަދަކީ މުބާރާތަށް ވަމުންދާ ތައްޔާރީތައް ދެނެގަތުމާއި، މުބާރާތް ބެއްވުމަށް ހަމަޖެހިފައިވާ ދަނޑުތަކުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައި، މިކަމަށް ހިނގާނެ ޚަދަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން މި މުބާރާތުގައި ވާދަކުރުމަށްދާ ބައިވެރިންނަށް މެހެމާންދާރީގެ އިންތިޒާމު ހަމަޖެހިފައިވާގޮތުގެ މައުލޫމާތު ހޯދައި، މުބާރާތާ ގުޅުންހުރި ދައިރާތަކުން ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 22 އިން 31 އަށް ބަހްރެއިންގެ ވެރިރަށް ކަމަށްވާ މަނާމާގައެވެ. މި މުބާރާތުގައި 45 ގައުމަކުން 2000 އަށްވުރެ އެތުލީޓުން ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.

އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަކުރެވިގެން ކުރިއަށްގެންދާ މި މުބާރާތުގައި 25 އިވެންޓެއް ކުރިއަށްދާނެއެވެ. މިމުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ އުޒްބެކިސްތާނަށެވެ. އެހެންނަމަވެސް ފަހު ވަގުތު އެ ގައުމުން ނަން އަނބުރާ ގެންދިޔުމުން މި ފުރުސަތު ބަހްރެއިންއަށް ލިބިގެންދިޔައީއެވެ.

މި އަހަރުގެ މުބާރާތުގައި ހިމެނޭ ކުޅިވަރުތަކުގެ ތެރޭގައި އެތުލެޓިކްސް އާއި، އީ-ސްޕޯޓްސް އާއި، ބާސްކެޓްބޯލް އާއި، ފުޓްސަލް އާއި، މާޝަލް އާޓްސް އަދި ފެތުމާއި، ވޮލީބޯލްގެ އިތުރުން ބަރު އުފުލުން ފާހަގަކޮށްލެވެއެވެ. ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބާއްވާ މިމުބާރާތަކީ އޭޝިއަން ގޭމްސްއަށްފަހު އޭޝިއާ ބައްރަށް ޚާއްސަކުރެވިގެން ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.