ބޮޑުތަކުރުފާނު މަގު ހެދުމަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ހުޅުވާލައިފިއެވެ. މާލޭ ބޮޑުތަކުރުފާނު މަގު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުގައެވެ.
މާލޭ އުތުރު ފަރާތު ބޭރު މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިއްމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތަކުގެ އިތުރުން މާލެއަށް ލަފާފުރުމުގައި މުހިއްމު ސަރަޙައްދެއްކަމުން އެއީ ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދަތުރުކުރާ މިމަގު މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އީއައިއޭގެ މަސައްކަތްކުރުމަށްޓަކައި މި މަޝްރޫޢުގެ ސަބަބުން އާންމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި، އަދި މަޝްރޫޢުގައި ހުރި އާންމުން ކަންބޮޑުވާ ކަންކަން ބެލުމަށް މިހާރުވަނީ ހުޅުވާލާފައެވެ.
We are seeking public feedback on the development of Boduthakurufaanu Road (North Side, Malé).
— MTCC Plc (@MTCCPlc) May 17, 2025
Kindly please scan the QR code and take a moment to complete our short survey. Your feedback is very valuable to us!
Link: https://t.co/JviraQualk#MTCCprojects #RayyithungeKunfuni… pic.twitter.com/hprgk2Ghjo
ބޮޑުތަކުރުފާނު މަގުގެ އުތުރުން، ހުޅުމާލޭ ފެރީ ޓަރމިނަލްއިން ފެށިގެން މަސްމާރުކެޓާއި ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިމަގު ތަރައްޤީކުރަނީ މަގުފުޅާކޮށް، ކޮޅަކަށް 2 ލޭނު ހިމެނޭހެން އެންމެ ޒަމާނީ ފެންވަރަށްކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. މިގޮތުން މަގުފުޅާކުރުމަށް އެސަރަޙައްދުގެ ބޭރު ތޮށި، ބޭރަށް ޖެއްސުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ދަށުން އެސަރަޙައްދުގައި ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރަށް މަގުމަތީގައި ކުރަންޖެހޭ ނިޝާންތަކާއި ހަރުކުރަންޖެހޭ ނިޝާންތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 1 އަހަރާއި 3 މަސްތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިމަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 144.5 މިލިއަން ރުފިޔާއަށެވެ.
ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ބޭނުންކުރާ ސަރަޙައްދެއްކަމުން އެސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ކަމާބެހޭ ހުރިހާ ފަރާތެއްގެ މަޝްވަރާއާއެކުގައިކަމަށް އިމަރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކާއި، ފަޅުތެރޭގައި ހުންނަ އުޅަނދުތަކަށް ވީހާވެސް ލުއިގޮތެއް ހޯދުމަށް މިކަމުގައި މަސައްކަތްކުރާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މާލޭގެ ބޭރު މަގު ތަރައްޤީކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ސިފައިންގެ ކަޅުތުއްކަލާ ކޮށިން ފެށިގެން، ހެންވޭރު ފެރީ ޓަރމިނަލްއާއި ހަމައަށްވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މީގެ އިތުރުން އަމީނީ މަގާއި، އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ޢިއްޒުއްދީން މަގުގައިވެސްވަނީ ތާރުއަޅާފައެވެ.