ޚަބަރު

ޔަމަންގެ ޙޫޘީންގެ އިންޒާރާ އެކު ޔަހޫދީންގެ ޚައިފާ ބަނދަރު ހުއްޓުމަކަށް


ޒަޔަނިސްޓު އިސްރާއީލުގެ ޚައިފާ ބަނދަރަށް ކަނޑުމަގުން ދަތުރު ކުރެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފިއެވެ. އެ ބަނދަރަށް ދަތުރު ކުރެވެން އޮތް މަގުތަކަށް ހުރަސް އަޅާފައި ވަނީ ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ޙޫޘީންނެވެ. މިއީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޙޫޘީ ޖަމާޢަތުން އަޅާފައިވާ ފިޔަވަޅެކެވެ.

ޙޫޘީ ޖަމާޢަތުން ބުނީ، ޚައިފާ ބަނދަރަށް ދަތުރުކުރާ، އަދި އެ ބަނދަރުން ފުރައިގެން ދަތުރު ކުރާ ހުރިހާ އުޅަނދަކީ އެ ޖަމާޢަތުގެ ނުރައްކާތެރި ޙަމަލާތަކުގެ އަމާޒަކަށް ހަދާފައިވާ ކަމުގައެވެ. އަދި، މިއީ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.

"[ޚައިދާ ބަނދަރުގައި] އޮތް، އަދި އެ ބަނދަރަށް ދަތުރު ކުރަމުންދާ އުޅަނދުތައް ނިސްބަތްވާ ހުރިހާ ކުންފުންޏަކަށް އަންގާފައިވާނެ އެ އުޅަނދުތަކަކީ [ޙަމަލާތަކުގެ] އަމާޒަަކަށް ހަދާފައިވާނެ ކަން،" ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ޔަޙްޔާ ސަރީޢު ޤާސިމް ވިދާޅުވިއެވެ.

ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ޙޫޘީން އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙޫޘީން އަމާޒަކީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކާއި ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. ބޭނުމަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުމަކަށް ގެނައުމެވެ.

ޙޫޘީންގެ އަސްކަރީ އޮޕަރޭޝަންގެ ދަށުން އެ ޖަމާޢަތުން ދަނީ ނުރައްކާތެރި މިސައިލްތަކާއި އަސްކަރީ ޑްރޯންތައް ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކާއި، މަސްލަޙަތު އޮތް އުޅަނދުފަހަރަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުން މިސައިލް ޙަމަލާތަކެއް ދީފައި ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގެ ދެކުނުން އޮތް އެ ޤައުމުގެ މައި ވައިގެ ބަނދަރު ކަމުގައިވާ ބެން ގޫރިޔޮން ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށެވެ. އެ ސަރަޙައްދަށް މެދުކެނޑުމެއް ނެތި ޙަމަލާތައް އަމާޒު ކުރަމުންދާނެ ކަމުގައި ޙޫޘީ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ.

މީގެ އިތުރުން، ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ދިޔަައީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް، އެމެރިކާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ޖަމާޢަތުން ވަނީ ރަތް ކަނޑުގައި ހިންގަމުން ދިޔަ އަސްކަރީ އޮޕަރޭޝަން މެދުކަނޑައިލާފައެވެ. އަދި، އޭގެ ބަދަލުގައި އެމެރިކާއިން ވަނީ ޔަމަންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއެޅުމަށް ހިންގަމުން ދިޔަ އަސްކަރީ ކެމްޕޭން ހުއްޓައިލާފައެވެ.

ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ 100އެއްހާ އުޅަނދަށް ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ އުޅަނދު ވަނީ ފައްތައިލާފައެވެ. ޙޫޘީންގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރަށެވެ. އަދި، ޔަހޫދީންގެ މަސްލަޙަތު އޮތް ކުންފުނިތަކުން ހިންގާ އުޅަނދުފަހަރަށެވެ. މީގެ އިތުރުން، އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީން ޖަމާޢަތުން ކުރިން ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

ޙޫޘީންގެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވެސް ދަނީ ޔަމަނަށް ބޮންއަޅަމުންނެވެ. މި ގޮތުން، މޭ 6ވަނަ ދުވަހު ޔަމަންގެ ވެރިރަށް ޞަންޢާގައި ހުރި މައި ވައިގެ ބަނދަރަށް ނުރައްކާތެރި ޙަމަލާތަކެއްދީ ގިޔަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލިއެވެ. އެއަށްފަހު، އަލް-ޙުދަޔިދާގައި އޮތް ދެ ބަނދަރަކަށް ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދިނެވެ.