ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުން އެއްބަސްވެފައިވާ ކަމަށް އެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާބެހޭ އިސްވެރިޔާ ކާޔާ ކަލަސް އިޢުލާނު ކުރައްވައިފިއެވެ.
ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ކުރި މަޝްވަރާތަކަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކަލަސް ވިދާޅުވީ ވިލާތުގެ އިއްތިޙާދުން ބޭނުން ވަނީ ސޫރިޔާގެ ރައްޔިތުންނަށް އައު، ރައްޔިތުން ޝާމިލްވާ އަދި ޞުލްޙަވެރި ސޫރިޔާއެއް ބިނާ ކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ. ފާއިތުވި 14 އަހަރު ދުވަހުގެ ތެރޭގައި ވެސް ވިލާތުގެ އިއްތިޙާދުން ތިބީ ސޫރިޔާގެ ރައްޔިތުންނާއެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޢަމަލު ކުރަމުން ދާނީ އެ ގޮތަށް ކަމަށް ކަލަސް ވިދާޅުވިއެވެ.
ވިލާތުގެ އިއްތިޙާދުން ސޫރިޔާއާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލު ގެނެސްފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފްތާގެ ތެރޭގައި މެދުއިރުމައްޗަށް ކުުރެއްވި ދަތުރުފުޅުގައި ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ޢަމުރު ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައިވަނިކޮށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް ގެނެސް، ސޫރިޔާގެ ހިންގުމާ އެ ޤައުމުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ން ވަނީ ޙަވާލުވެފައެވެ. އައު އިންތިޤާލީ ސަރުކާރެއް އެކުލަވާލާފައިވާ އިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ސަރުކާރުގެ ތެރޭގައި ހިމަނައި، އެތައް އަހަރެއް ވަންދެން އެ ޤައުމުގައި ކުރަމުންދިޔަ އަހުލީ ހަނގުރާމައަށް ފަހު ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށެވެ.
ވިލާތުގެ އިއްތިޙާދުން މިހާރު ވެސް ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ހަކަތައާއި ދަތުރުފަތުރާއި އަލުން ބިނާ ކުރުމާގުޅޭ ފިޔަވަޅުތަކާއި މާލީ މުއާމަލާތްތަކާ ގުޅުން ހުރި ފިޔަވަޅުތަކަށް ލުއި ދީފައެވެ. ނަމަވެސް އެ ލުއިތަކަކީ ސޫރިޔާގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތައް އައިސްފައިވާ މި ދަނޑިވަޅުގައި އެ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ފުދޭ ވަރުގެ ފިޔަވަޅުތަކެއް ނޫން ކަމަށް ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ ފާހަގަ ކޮށްފައެވެ.