އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) މަގުން ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޒަޔަނިސްޓު އިސްރާއީލާ އެކު އެއްބަސްވުމެއް އެކުލަވައިލާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަ ކޮށްފައި ވަނީ ޔޫއޭއީގެ ދައުލަތުގެ މީޑިޔާ، އެމިރޭޓްސް ނިއުސް އޭޖެންސީ (ޑަބްލިޔުއޭއެމު)ންނެވެ. ނިކަމެތިކޮށް ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ޔޫއޭއީ މަގުން ކާބޯތަކެތި ފޯރުކޮށްދިނުމަށް ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލާފައި މި ވަނީ، އެ ސަހަރުގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޖައްސަމުންދާ ނިކަމެތި ހާލަތާ މެދު ބައިނަލްއަޤުވާމީ މުޖުތަމަޢުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޑަބްލިޔުއޭއެމުން ބުނީ، ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔޫއޭއީއާއި ޔަހޫދީންނާ ދެމެދު އެއްބަސްވެފައި ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުالله ބިން ޛާޔިދް އަލް-ނަހްޔާނާއި ޒަޔަނިސްޓު އިސްރާއީލުގެ ޚާރިޖީ ވަޒީރާ ދެމެދު ފޯނުން މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމުގައެވެ. އެ ނޫހުން ބުނީ، ޔަހޫދީންނާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ނިކަމެތިކޮށް، ހައިހޫނުގައި ޖައްސާފައިވާ މީހުންގެ ތެރެއިން 15,000އެއްހާ މީހުންނަށް ބޭނުންވާ ކާބޯތަކެތި ޔޫއޭއީ މަގުން އެތެރެ ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން، ޕާން ފިހާ ބޭކަރީތަކަށް ބޭނުންވާ ސާމާނާއި، ތުއްތުކުދިންނަށް ބޭނުންވާ ސާމާނު އެތެރެ ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމުގައެވެ.
ޔަހޫދީން ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ހުރަސް އަޅާފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، އިންސާނީ އެހީގެ ސާމާނު ވެސް އެ ސަހަރަށް އެތެރެ ކުރުމުގެ ފުރުޞަތު ދީފައެއް ނެތެވެ. މީގެ އިތުރުން، ޞިއްޙީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް ޔަހޫދީ ފައުޖުން އޮތީ ހުއްޓުވާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖައްސައި، ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި އެކުވެރި ދައުލަތްތައް (އދ)ގެ އިދާރާތަކުގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކުން ވެސް ސިފަކުރެއެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ދެކޮޅު ހަދަމުން ދިޔުމާ ގުޅިގެން ވިލާތުގެ އިއްތިހާދު (އީޔޫ)ން ވަނީ، ޒަޔަނިސްޓު އިސްރާއީލާ ދެމެދު އޮތް ގުޅުންތައް މުރާޖާ ކުރުމަށް ނިންމާފައެވެ. އީޔޫގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވި މުހިންމު ބައްދަލުވުމަކަށް ފަހު އެ ކަން އިޢުލާނު ކުރައްވާފައި ވަނީ އެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސެވެ.
އިސްރާއީލާ އެކު އޮތް ގުޅުންތައް މުރާޖާ ކުރުމަށް އީޔޫން ނިންމާފައިވާ ކަން ކައްލާސް ހާމަކުރައްވާފައި މި ވަނީ، ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރުމުގެ ގޮތުން 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ނުރައްކާތި އަސްކަރީ ކެމްޕޭނެއް ޔަހޫދީ ފައުޖުން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ބުނީ، އޭނާގެ އަމުރަށް ފަށާފައިވާ އޮޕަރޭޝަންގެ ބޭނުމަކީ ޣައްޒާގެ އުތުރާއި ދެކުނުގެ ބައެއް ބިންތަކަށް ވެރިވެގަތުން ކަމުގައެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރުން ކަމުގައެވެ.
އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާ (އޯސީއެޗްއޭ)ން ބުނީ، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ބަރުކޮށްފައިވާ އިތުރު 100 ލޮރީ ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން މޭ 20ވަނަ ދުވަހު ހުއްދަ ދީފައިވާ ކަމުގައެވެ. ނަމަވެސް، އެ އިދާރާގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ، އެއީ ހައިހޫނުގައި ޖައްސާފައިވާ ޣައްޒާގެ އެތަކެއް ސަތޭކަ ހާސް ރައްޔިތުންނަށް ބޭނުންވާ ކާނާގެ ވަރަށް "ކުޑަކުޑަ" މިންވަރެއް ކަމުގައެވެ. އަދި، ބަނޑަށްޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެއިން އެއްވެސް ތަސައްލީއެއް ނުލިބޭނެ ކަމުގައެވެ.
އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ ފުރުޞަތު ޔަހޫދީން "ނަމެއްގައި" ދީފައި އޮތް ނަމަވެސް، ޔަހޫދީ ފައުޖުން އެ ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންދާ ކަމުގައެވެ. އަދި، އެ ސަހަރަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރި ނަމަވެސް، ނިކަމެތި ކޮށްލާފައިވާ މީހުންނަށް އެ ތަކެތި ބެހުމުގެ ފުރުޞަތު ޔަހޫދީ ފައުޖުން ދީފައި ނުވާ ކަމުގައެވެ.