ކުޅިވަރު

ސެމީގައި ކުރިއަށްދެވޭނީ މިއަށްވުރެ ކުޅުން ރަނގަޅުވެގެން: އަހުސަން


މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުގެ ސެމީ ފައިނަލުން ދެމިގަނެވޭނީ ކުޅުން އިތުރަށް ރަނގަޅުކޮށްގެންކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު އަހުސަން ރަޝީދު ބުނެފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޓީސީ ޖާގަ ކަށަވަރަކޮށްފަވަނީ މިދިޔަ ހޮނިހިރުދުވަހުގެރޭ މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗަށްފަހު 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމޮޅާއެކު ލީގުބުރުގެ ހުރިހާ މެޗެއް ޓީސީއަށް ނިމި ސެމީއަށް ދަތުރުކޮށްފަވަނީ 4 ޕޮއިންޓާއެކުގައެވެ.

މަހިބަދޫއާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އަހުސަން ބުނީ އެމެޗުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗު ކާމިޔަބުކުރުމަށް އޮތް ޕްރެޝަރު ބޮޑުވުންކަމަށެވެ. ވަކިން ހާއްސަކޮށް މެޗުގެ 10ވަނަ މިނިޓުގައި ޓީސީގެ މާއިޒް ވަހީދަށް ލިބުނު ކޯނަރެއް ގޯލަކަށް ބަދަލުކޮށްލި ހިސާބުން ލިބުނު ލީޑާއެކު ކުޅުންތެރިންނަށް މެޗުން މޮޅުވުމަށް އޮތް ޕްރެޝަރު ބޮޑުވިކަމަށް އޭނާ ފާހަގަކުރިއެވެ. އެއާއެކު ޓީސީގެ ކުޅުންތެރިންގެ ހުރިހާ ސަމާލުކަމެއް ޑިފެންސްއަށް ބެހެއްޓިތަން މެޗުން ފެނުނުކަމަށް އޭނާ ބުންޏެވެ.

"މިއަދު ބޮޑަށް ހީވަނީ އަހަރުމެން މޮޅުވާންޖެހިފަ އިނީމަ 1-0ގަ އިންއިރުގަ ތަންކޮޅެއް ބޮޑަށް ޑިފެންސަށް ބެލީހެން ހީވަނީ. އެމީހުން ލަނޑުޖެހީމަ އަނެއްކާވެސް އެރި. އެކަހަލަ ގޮތަކަށް ބޮޑަށް ހީވަނީ" އަހުސަން ބުންޏެވެ.

މެޗުން ބަލިވުން ނުވަތަ އެއްވަރުވުމާ ދޭތެރޭ ކުޅުންތެރިންނަށް މާބޮޑަށް ވިސްނުނީކަމަށް އޭނާވަނީ ބުނެފައެވެ. މިކަމުގެ އަސަރު ފުރަތަމަ ހާފުގެ ކުޅުމުގެ ތެރެއިން ވަރަށް ބޮޑަށް ފެނުނުކަމަށް އޭނާ ފާހަގަކުރިއެވެ.

މަހިބަދޫ އާ ދެކޮޅަށް ޓީމުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް އަހުސަންވަނީ ބުނެފައެވެ. ޕްރެޝަރާ ހެދި ޓީމަށް ރަނގަޅަށް ކުޅެވިފައިނުވާކަން ފަހަގަކުރަމުން އަހުސަން ބުނީ އިތުރު ލަނޑެއް ޖެހުނުނަމަ ޕްރެޝަރު ކުޑަވީސްކަމަށެވެ.

"ކުޅުން ވަރަށް ސަކަރާތް. ވަރަށް ޕްރެޝަރުކޮށް މިދިޔައީ. އިތުރު ލަނޑެއް އައި ނަމަ ވަރަށް ރަނގަޅުވީސްހެން ހީވަނީ" މަހިބަދޫ އާ ވާދަކުރި މެޗާ ގުޅޭގޮތުން އަހުސަން ބުނެފަވެއެވެ.

މަހިބަދޫ މެޗުން ލިބުނު މޮޅާއެކު ސެމީގެ ޖާގަ ކަށަވަރުވެފައިވާއިރު، ޓީސީން ދެން ނުކުންނާނީ މިއަށްވުރެ ވަރުގަދަކޮށް ކަމަށް އަހުސަން ބުންޏެވެ. ސެމީއަށް ނުކުންނާނީ ވަރުގަދަ ޓީމުތަކަކާ ކުރިމަތިލާން ޖެހޭކަން އެނގިތިބެ، އެކަމަށް ތައްޔާރުވެގެންކަމަށް އޭނާ ވަނީ ބުނެފައެވެ.

"ސެމީއަށް ދެން ކޮންމެހެންވެސް ރަނގަޅުވާނެ. ރަނގަޅު ޓީމުތަކާ ޖެހޭނީ އަނެއްކާވެސް. މިއަށްވުރެ ރަނގަޅުނުވެ އަހަރުމެންނެއް ދެން ކުރިއަކަށް ނުދާނެ. އެކަން އަހަރުމެންނަށް އިނގޭ" ސެމީއާ ގުޅޭގޮތުން އަހުސަން ފާހަގަކުރިއެވެ.

އެފްއޭއެމް ލީގު ކަޕުގައި ޓީސީއަށް މިހާތަނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ ހަމަލާތައް ގިނަކޮށް، ގޯލުތައް ކާމިޔާބުކުރުމުގައި ދިމާވާ ދަތިތައްކަމަށް އަހުސަންވަނީ މީގެ ކުރިންވެސް ބުނެފައެވެ. ލީގު ކަޕުގެ ފުރަތަމަ މެޗުގައި ކުޅުމަށްފަހު ޓީސީގެ ފޯވަޑު މުހައްމަދު ފާސިރު (ފާއްޓޭ) އައްޑޫގައި ކުރިއަށްދާ މުބާރާތަކަށް ދާންޖެހުމުން އޭނާ ނެތްތަން ޓީމުން ފެންނަމުންދާކަމަށާ އޭނާ އަލުން ޓީމާ ގުޅޭ ހިސާބުން ހަމަލާތައް އިތުރުކުރެވިދާނެކަމަށް އަހުސަން ގަބޫލުކުރެއެވެ.

"ސްކޯރިންއަށް އަސްލު ދެން އަނެއްމީހާ (މުހަންމަދު ފާސިރު) ގެންނާނަން ފައިނަލަށް އޭނާ އައިމަ ރަނގަޅުވާނެކަމަށް މިބަލަނީ. އަސްލު ފޯވަޑު ނެތުނީމަ ލަނޑުޖަހަން އުނދަގޫވަނީ" ޕީއެސްއެމް ނިއުސްއާ ވަހަކަދައްކަމުން ޓީސީގެ ކޯޗު އަހުސަން ބުންޏެވެ.

އެފްއޭއެމް ލީގު ކަޕުގެ ސެމީފައިނަލުގެ ކުޅުން ތާވަލުކޮށްފަވަނީ މިމަހުގެ 25 ވަނަ ދުވަހަށެވެ.