ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ދަތުރު ކުރަމުން ދިޔަ ބޭރު ޤައުމުތަކަށް ނިސްބަތްވާ ޚާރިޖީ ދާއިރާގެ އިސް އޮފިޝަލުންގެ ވަފުދެއްގެ މެންބަރުން ތިބި ސަރަޙައްދަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ވަފުދުގައި ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި، ސްޕެއިނާއި، އިޓަލީވިލާތާއި، ކެނެޑާއާއި، ރަޝިޔާއާއި، ޗައިނާގެ އިސް އޮފިޝަލުން ހިމެނެއެވެ. އަދި، އަޔަލެންޑާއި، ބެލްޖިޔަމާއި، ޖަޕާނާއި، މެކްސިކޯގެ އިތުރުން މިޞްރުގެ އޮފިޝަލުން ވެސް ހިމެނެއެވެ.
ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ބައެއް މެންބަރު ޤައުމުތަކުން ވަނީ ޔަހޫދީ ފައުޖުން ހިންގާފައި ވަނީ "ޖަރީމާއެއްގެ" ގޮތުގައި ސިފަކޮށް، އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި، ފަރަންސޭސިވިލާތާއި އިޓަލީވިލާތުން ވަނީ، އެ ދެ ޤައުމަށް ޒަޔަނިސްޓު އިސްރާއީލުން ކަނޑައަޅާފައި ތިބޭ ސަފީރުން ހާޒިރުކޮށް، އެ ކަމާ މެދު ސުވާލު ކޮށްފައެވެ. މިޞްރުން ވެސް ވަނީ ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ވަފުދުގެ މެންބަރުން ތިބި ސަރަޙައްދަށް ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ޖިނީންގެ ހާލަތު ވަޒަން ކުރުމަށް ކުރި ދަތުރެއްގެ ތެރެއިންނެވެ.
ޔަހޫދީ ފައުޖުން ވަނީ ބޭރު ޤައުމުތަކުގެ ޚާރިޖީ ދާއިރާގެ އޮފިޝަލުންގެ މައްޗަށް އެކުވެލިގެންވާ ވަފުދު ތިބި ސަރަޙައްދަށް ދިން ޙަމަލާތަކުގެ ޒިންމާއިން ބަރިއްޔަވުމަށް ކަމުގެ ޙަޤީޤަތް އޮޅުވައިލުމަށް ބަހަނާތަކެއް ދައްކާފައެވެ. ޔަހޫދީ ފައުޖުން ބުނީ، އީޔޫގެ އޮފިޝަލުން ދަތުރު ކޮށްފައި ވަނީ ހުއްދަ ކޮށްފައިވާ މަގުތަކުން ނޫން ކަމަށާއި، ހުއްދަ ކޮށްފައި ނުވާ ސަރަޙައްދަކަށް ދަތުރު ކުރުމަށް އެ އޮފިޝަލުން މަސައްކަތް ކޮށްފައިވާ ކަމުގައެވެ.
އަދި، ބަޑީގެ ޙަމަލާތަކެއް ދީފައި ވަނީ، ހުއްދަ ކޮށްފައިވާ ސަރަޙައްދަށް އެނބުރި ދިޔުމަށް "އިންޒާރު ދިނުމުގެ ގޮތުން" ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދިން ބަޑީގެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
ޔަހޫދީންގެ މި ޖަރީމާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައިވާ އެއް ބޭފުޅަކީ ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޜޯން-ނޮއޭލް ބާޣޫއެވެ. އޭނާ ވިދާޅުވީ، އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ދަތުރު ކުރަމުން ދިޔަ ސަރަޙައްދަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތައް "އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭނެ" ކަމުގައެވެ. އިޓަލީވިލާތުގެ ޚާރިޖީ ވަޒީރު އަންތޯނިޔޯ ތައްޔާނީ ވިދާޅުވީ، އެ ޤައުމަށް ޒަޔަނިސްޓު އިސްރާއީލުން ކަނޑައަޅާފައި ހުންނަ ސަފީރު މި ކަމަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައެވެ.
ޔަހޫދީންގެ ނުރައްކާތެރި ޙަމަލާތައް ކުށްވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ބޭރު ޤައުމުތަކުގެ ޚާރިޖީ ދާއިރާގެ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ވަފުދު ޖިނީނަށް ދަތުރު ކޮށްފައި ވަނީ ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ނަގައިގެން ކަމުގައެވެ. އަދި، އެ ކަމުގެ މަޢުލޫމާތު ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީއާއި ޔަހޫދީ ފައުޖަށް ވެސް އިނގޭނެ ކަމުގައެވެ.
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު، ކާޔާ ކައްލާސް ވަނީ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއް ދަތުރު ކުރަމުން ދިޔަ ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް ގޮވައިލައްވާފައެވެ. "މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ކުރުމަށް އަޅުގަނޑުމެން އިސްރާއީލަށް ގޮވައިލަން، އަދި ޚާރިޖީ ދާއިރާގެ މެންބަރުންގެ ފުރާނައަށް ނުރައްކާ ކުރުމުގައި ޒިންމާވާން ޖެހޭ މީހުން ހޯދައި، އެ މީހުން ޖަވާބުދާރީ ކުރުވަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ބޭރު ޤައުމުތަކުގެ އޮފިޝަލުންތަކެއް ތިބި ސަރަޙައްދަކަށް ޔަހޫދީ ފައުޖުން ނުރައްކާތެރި ޙަމަލާތަކެއް ދީފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމާ މެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މޭ 16ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް ޔަހޫދީ ފައުޖުން ފުޅާ ކޮށްފައިވާއިރު، އެ ކަމާ މެދު ނުރުހުން ފާޅު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އީޔޫގެ މެންބަރުން ހިމެނެއެވެ. އެ ކަމާ ނުރުހުންވެ، އީޔޫން ވަނީ އިސްރާއީލާ އެކު ބާއްވާ ގުޅުންތައް މުރާޖާ ކުރުމަށް ވެސް ނިންމާފައެވެ.