ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ކުރިއަށް ގެންދާ ނަމަ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެ، ހުއްޓުމަކަށް އައުމުގެ ބިރު އޮތް ކަމަށް ބުނެ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން އިންޒާރު ކޮށްފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ޢުދުވާނާ ގުޅިގެން އެ ސަހަރުގެ 2.1 މިލިޔަނެއްހާ މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ސާމާނު ވަނީ ހުސްވެފައެވެ.
ޑަބްލިޔުއެޗްއޯން ބުނީ، ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމުގެ އިތުރުން، ޣައްޒާގައި އޮޕަރޭޓު ކުރާ މައި ހަތަރު ހަސްފަތާލެއް ހުރި ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތައް އިތުރުކޮށް ފުޅާ ކުރުމާ ގުޅިގެން ހުސްވި ހަފުތާގެ ތެރޭގައި އެ ހަތަރު ހަސްފަތާލު ބަންދު ކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. އަދި، އިންޑޮނީޝިޔާ ހަސްފަތާލާއި އަލް-ޢަވްދާ ހަސްފަތާލަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިޔުއެޗްއޯން ކުރަމުން ދިޔަ މަސައްކަތްތަކަށް ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަން ވެސް އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.
ޣައްޒާ ޢުދުވާން ފެށުމުގެ ކުރިން އެ ސަހަރުގައި ޖުމުލަ 36 ހަސްފަތާލަކުން ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދިޔައެވެ. ނަމަވެސް، މި ވަގުތު ޚިދުމަތް ދެނީ އޭގެ ތެރެއިން އެންމެ 19 ހަސްފަތާލުގައެވެ. ޑަބްލިޔުއެޗްއޯން ބުނީ، ޣައްޒާގެ ހަސްފަތާލުތަކުގައި ތެރެއިން %94އަށް ޔަހޫދީ ފައުޖުން ޢުދުވާނީ ޙަމަލާތައް އަމާޒުކޮށް، ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައެވެ. އަދި، ގިނަ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުން ދަނީ އެންމެ 12 ހަސްފަތާލުގައި ކަން ވެސް އެ ޖަމުޢިއްޔާއިން ހާމަކުރިއެވެ.
ޣައްޒާގައި ޞިއްޙީ ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭހާއި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު ހުސްވުމެވެ. މާރިޗު 2ވަނަ ދުވަހަށް ފަހު ޔަހޫދީ ފައުޖުން ވަނީ އެ ސަހަރުގެ ފުރަބަންދު ހަރުކަށިކޮށް، ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅާފައެވެ. މި ހިނގާ ހަފުތާގެ ތެރޭގައި ޣައްޒާއަށް 98 ލޮރީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައިވީ ނަމަވެސް، އޭގެ ތެރޭގައި ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު މަދެވެ.
ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެ މީހުން މިހާރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތާ ޙަވާލުވުމަށް އެމެރިކާއިން ވަނީ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި ޖަމުޢިއްޔާއެއް އުފައްދާފައެވެ. މި ހިނގާ މޭ މަހުގެ ފަހުކޮޅު، ޣައްޒާގައި އެހީ ބެހުމުގެ ހުރިހާ މަސައްކަތާ ޙަވާލުވުމަށް އެ ޖަމުޢިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ.
އެމެރިކާއާއި ގުޅިގެން ޔަހޫދީން ރާވާފައި އޮތީ ޣައްޒާގައި ބޮޑު ހަ ކޭމްޕު ނުވަތަ ޖަލު ޤާއިމު ކުރުމަށެވެ. އަދި، ޣައްޒާގެ ހުރިހާ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ޖަލުތަކަށް މަޖުބޫރުން ބަދަލު ކުރުމަށެވެ. އެއިން ކޮންމެ ޖަލަކަށް 5,000އާއި 6,000އާ ދެމެދުގެ އަދަދެއްގެ ޢާއިލާތައް ބަދަލު ކުރުމަށް ޔަހޫދީން އޮތީ ރާވާފައެވެ. އެ ޖަލުތަކުގެ ކޮންޓުރޯލު އޮންނާނީ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންގެ ކިބައިގައެވެ. އަދި، ޣައްޒާގައި އެކި ސަރަޙައްދުތަކުގައި އެހީ ބެހުމަށް ޚާއްޞަ ކޮށްފައިވާ މަރުކަޒުތަކެއް ޔަހޫދީ ފައުޖުން ޤާއިމު ކުރާނެއެވެ. އެ ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތި ކުރުމަށް ނިންމާފައި އޮތީ އެމެރިކާގެ ދެ ކުންފުންޏަކާއެވެ.