ޢިރާޤުގައި ވަކި ސަރުކާރަކުން ވެރިކަން ކުރާ ކުރުދިސްތާން ސަރަޙައްދުގެ ސަރުކާރާ އެކު އެމެރިކާއިން ވިޔަފާރީގެ އެއްބަސްވުންތަކެއް އެކުލަވައިލުމުން ޢިރާޤުގެ މައި ސަރުކާރުން އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ޢިރާޤުގެ ތެލާ ބެހޭ ވުޒާރާއިން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ، ކުރުދިސްތާންގެ ސަރަޙައްދީ ސަރުކާރާއި އެމެރިކާއާ ދެމެދު ތެލުގެ ވިޔަފާރިއާ ގުޅޭ ދެ އެއްބަސްވުންތަކެއް އެކުލަވައިލުމުންނެވެ.
އެ އެއްބަސްވުންތަކުގެ އަގު 110 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. މި ކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ޢިރާޤުގެ މައި ސަރުކާރުގެ ތެލާ ބެހޭ ވުޒާރާއިން ބުނީ އެމެރިކާގެ ކުންފުނިތަކާ އެކު ހަކަތައިގެ ދާއިރާއިން ގުޅުންތައް ފުޅާކުރުމަށް އެ ޤައުމުން އިސްކަންދޭ ކަމުގައެވެ. ނަމަވެސް، އެ ފަދަ އެއްބަސްވުންތައް އެކުލަވައިލަން ޖެހޭނީ ޢިރާޤުގެ މައި ސަރުކާރާ އެކުގައި ކަމުގައެވެ. އަދި، ސަރަޙައްދީ ސަރުކާރުތަކުން ބޭރު ޤައުމުތަކާ އެކު އެއްބަސްވުންތައް އެކުލަވައިލުމަކީ އެ ޤައުމުގެ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
އެމެރިކާގެ ކުންފުނިތަކާ އެކު ދެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ވަނީ ކުރުދިސްތާން ސަރަޙައްދުގެ ބޮޑުވަޒީރު މަސްރޫރް ބަރަޛާނީގެ ބެއްލެވުމުގެ ދަށުންނެވެ. "އެ [އެމެރިކާގެ] ކުންފުނިތަކާ އެކު ގުޅުން ބަދަހި ކުރުމަކީ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ނޫން، ނަމަވެސް މައި ސަރުކާރު އެކަހެރިކޮށް، މައި ސަރުކާރުގެ އޮނިގަނޑުގެ ބޭރުން ކުރްދިސްތާން ސަރަޙައްދުގެ ސަރުކާރުން އެ ފަދަ ގޮތަކަށް އަމަލު ކޮށްގެން ނުވާނެ، އެއީ ޢިރާޤުގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ވެސް ޚިލާފު ކަމެއް،" ޢިރާޤުގެ ތެލާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ތެލާ ބެހޭ ވުޒާރާގެ އޮފިޝަލަކު ބުނީ އެ ވުޒާރާގެ ބަޔާން އަމާޒު ކޮށްފައި ވަނީ އެމެރިކާގެ ކުންފުނިތަކަށް ކަމުގައެވެ. "ތެލާ ބެހޭ ވުޒާރާގެ ބަޔާނުން ވަރަށް ސާފުކޮށް އެމެރިކާގެ ކުންފިނިތަކަށް ވަނީ މެސެޖެއް ދީފައި، އެ މެސެޖަކީ، ޢިރާޤުގެ ޤާނޫނުތަކަށް އިޙުތިރާމު ކުރާށޭ،" އޭނާ ބުންޏެވެ. ނަމަވެސް، ޢިރާޤުގެ ތެލާއި ގޭހުގެ ސިނާޢަތް ކުރިއެރުވުމަށް އެމެރިކާގެ ކުންފުނިތަކަށް ފުރުޞަތު އޮންނާނެ ކަމުގައި އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.